ޕެނަލްޓީ ޖަހައިގެން އެކުވެރި މުހައްމަދު ސަލާހްގެ މިސްރުގެ މައްޗަށް 2-4 އިން ކުރި ހޯދައި، ސާޑިއޯ މާނޭގެ ސެނަގާލުން އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ރޭ ހޯދައިފިއެވެ.
ކެމަރޫންގައި ގިނަ ދުވަސްތަކެއް ވަންދެން ރައީސްކަން ކުރެއްވި ޕައުލް ބިޔަގެ ނަން ދީފައިވާ ފަސްދޮޅަސް ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމްގައި ކުޅުނު ރޭގެ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތާއި އިތުރަށް ކުޅުނު ފަނަރަ މިނެޓުގެ ދެހާފުގައިވެސް ލަނޑެއް ނުޖެހި ދެގައުމު އެއްވަރު ވުމުންނެވެ.
ލިވަޕޫލުގައި ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ސަލާހް އާއި މާނޭގެ ފައިނަލެއްގެ ގޮތުގައި ލޭބަލް ކުރެވިފައި އޮތް ފައިނަލް މެޗުން ސެނަގާލް މޮޅުވި ޕެނަލްޓީ ޖެހީ މާނޭއެވެ. މިސްރު ކުޅުންތެރިން ޕެނަލްޓީ ޖަހަން ތަރުތީބު ކުރެވިފައި އޮތް ގޮތުން ސަލާހް ޕެނަލްޓީ ޖަހަން އޮތީ އެންމެފަހު ޕެނަލްޓީ (5 ވަނަ ޕެނަލްޓީ) އެވެ. މާނޭ ޕެނަލްޓީ ޖެހިއިރު މިސްރުގެ ދެކުޅުންތެރިން އަތުން ވަނީ ޕެނަލްޓީ ބޭކާރު ވެފައެވެ. އޭރު ސެނަގާލް އަތުން ބޭކާރު ވެފައި އޮތީ އެންމެ ޕެނަލްޓީ އެކެވެ.
މިއީ ސެނަގާލުން އެފްރިކާ ކަޕް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މިއާއެކު ސެނަގާލް ވެފައި ވަނީ އެފްރިކާ ކަޕް ކާމިޔާބު ކުރި 15 ވަނަ ގައުމަށެވެ. އަނެއްކޮޅުން މިއީ މިސްރު ފައިނަލުގައި ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ. މިސްރު ވަނީ 2017 ވަނަ އަހަރު ފައިނަލުގައި ކެމަރޫން އަތުން ބަލިވެފައެވެ.
ސެނަގާލްގެ މިކާމިޔާބީ އެންމެ ބޮޑަށް ހާއްސަ ވެގެންދިޔައީ ކޯޗް އަދި އެގައުމުގެ ކުރީގެ ޑިފެންސިވް މިޑްފީލްޑަރު އަލިއޫ ސިސޭއަށެވެ. 2002 ވަނަ އަހަރު ސެނަގާލަށް ޗެމްޕިއަންކަން ނުލިބުނީ އޭނާ އަތުން ޕެނަލްޓީ ބޭކާރު ވުމުންނެވެ. އެކަމަކު އޭގެ 20 އަހަރު ފަހުން ކޯޗެއްގެ ގޮތުގައި ސިސޭ މިވަނީ ގައުމަށް ސަރަހައްދީ ތަށި ކާމިޔާބު ކޮށްދީފައެވެ.