ދިވެހި ފަސްގަނޑުގައި ލާދީނީ ވެރިންނަށް ޖާގައެއް ނޯންނާނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު ވިދާޅުވީ އަބަދުވެސް ރާއްޖެއިން ފުރުސަތު އޮންނާނީ އިސްލާމްދީން ހިމާޔަތް ކުރުމަށް މަސައްކަތްކުރައްވާ ވެރީންނާއި ރައްޔިތުންނަށް ކަމަށެވެ. އުމަރު ނަސީރަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރެއްވި ކެންޑިޑޭޓެވެ.

އުމަރަކީ އަބަދުވެސް އިސްލާމްދީނުގެ ހިމާޔަތުގައި ވާހަކަދައްކަވާ ބޭފުޅެކެވެ. އިސްލާމީ ޝަރީއާ ރާއްޖޭގައި ގާއިމް ކުރައްވަން ވަކާލާތު ކުރައްވާ ބޭފުުޅެކެވެ. އިސްލާމިކް ޑިމޮކްރަސީއެެއް ރާއްޖޭގައި އޮތުން ވަރަށް މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށް ގާނޫނުއަސާސީގައި ވެސް ވަނީ ކަނޑައަޅައިފައެވެ. ލާދީނީ ވެރިންނަށް މިފަސްގަނޑުން ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވީ ކޮންބަޔަަކަށް ނިސްބަތްކޮށް ކަމެއް އެނގިފައެއް ނުވެއެވެ.