ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް މަސައްކަތްކަތްކުރަމުންދާ ސައިޓަށް ގެނެސްފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެޝިޕްމެންޓް ގެނެސްފައިވަނީ 4 ފެބްރުއަރީ 2022 ވަނަ ދުވަހު ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެމްޓީސީސީން ވިދާޅުވެފައިވަނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 99 ޕަސެންޓްވެސް ވަނީ ނިމިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރާނެއެވެ. އަދި 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ވެސް ޖަހާނެއެވެ. އޭގެ އިތުރުން 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރަން ހަމަޖެހިފައިވެއެވެ.

މި މަޝްރޫޢަކީ 25.88 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.