ނ. މަނަދޫ ޕްރީސްކޫލްގެ ޓީޗަރުންނަށް ޚާއްޞަކޮށްގެން އެވިޑްކޮލެޖުން ހުޅުވާލި ތިން ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް ހޮވުނު ފަރާތްތަކަށް މިއަދު ލިޔުން ޙަވާލުކޮށްފިއެވެ.

މިއީ މަނަދޫ ކައުންސިލުން ހިންގާ މަނަދޫ ޕްރީސްކޫލްގެ އުނގެނުމާއި އުނގަންނައިދިނުމުގެ ޙަރަކާތްތަކަށް އެވިޑް ކޮލެޖުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާވައިފައިވާ ޕްރޮގްރާމްގެ ދަށުން ދިން ތިން ފުރުސަތެކެވެ. އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސްކޮލަރޝިޕަށް ހޮވުނު ޓީޗަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުސްތާޤް ރަޝާދުއެވެ.

އެވިޑު ކޮލެޖުގެ ސްކޮލަރޝިޕްތައް މަނަދޫ ސްކޫލާ ހަވާލުކުރުމުގެ ރަސްމިއްޔާތު: ފޮޓޯ އެވިޑް

މިރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މަނަދޫ ކައުންސިލްގެ އިދާރާގައި ތިއްބަވައިގެން ކައުންސިލްގެ މެމްބަރުންނާއި ސްކޮލަރޝިޕްތަކަށް ހޮވުނު ފަރާތްތައް ވަރޗުއަލްކޮށް، ބައިވެރިވެވަޑައިގެންނެވިއެވެ.

ސްކޮލަރޝިޕްތަކަށް ހޮވިވަޑައިގެންނެވީ، ނ. މަނަދޫ، މުރަކަ، ޒާހިދާ ހަސަނާއި ޑޭޒީމާގޭ، އައިމިނަތު ސާނިހާއި، ފިނިފެންމާގެ، ޝަޒުރާ އަބޫބަކުރެވެ. ސްކޮލަރޝިޕް ފުރުސަތުގެ ދަށުން މިތިން ބޭފުޅުންނަށް ވެސް ލިބިވަޑައިގެންފައިވަނީ އެވިޑް ކޮލެޖުން ހިންގާ 3 އަހަރު ދުވަހުގެ ބެޗްލަރސް އޮފް އަރލީޗައިލްޑްހުޑް ޕްރޮގްރާމްއެވެ.

އެވިޑު ކޮލެޖުގެ ސްކޮލަރޝިޕްތައް މަނަދޫ ސްކޫލާ ހަވާލުކުރުމުގެ ރަސްމިއްޔާތު: ފޮޓޯ އެވިޑް

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީތަޢުލީމުގެ ފުރުޞަތު އަތްފޯރާފަށުގައި ފޯރުކޮށްދޭ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ. މިހާރުވެސް އެވިޑް ކޮލެޖްގައި ހިންގާ ތަފާތު ދާއިރާތަކުގައި ތަފާތު ދަރަޖައިގެ ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލިމު ހާޞިލްކުރަމުންގެންދެއެވެ.