ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރާކަށް ވަކި ތަނެއް ނެތެވެ. ގޭ ދޮރުމަތީ ކުނަލެއް ފަތުރާލައިގެންވެސް ވިޔަފާރި ކުރަންވީ އެވެ. މިއީ އެހެން ގައުމުތަކުގައި ކަންތައް ވާގޮތެއް ނޫނެވެ. ޚާއްޞަކޮށް އެގައުމަކަށް ނިސްބަތްނުވާ މީހަކުނަމަ، އާންމުދަނީހޯދުމަށް މަސައްކަތެއްކުރުމަކީ ފަސޭހަކަމެއްނޫނެވެ.

މާލޭގައިވެސް އެތައްމިތާގައި ބިދޭސީންގެ ވިޔަފާރިއެވެ. އެމީހުންގެ ބާރެވެ. ހަމައެކަނި ފިހާރަތަކެއްނޫނެވެ. ގޯޅިތަކުގައެވެ. މަގުމަތީގައެވެ. މިހާރު ހިޔާފުލެޓް ކައިރީވެސް ބިދޭސީން ހަންފެތުރީއެވެ. އެތާގައި ބޮޑު ވިޔަފާރި ކުރާ ފިހާރައެއް އެބަހުއްޓެވެ. އަދި ގިނަމީހުނަށް އެތަން ނިންމައިގެން ދިރިއުޅެންވެސް ނުފެށެއެވެ. ނަމަވެސް ބިދޭސީން ބަނޑަހަ ޖަހައިފިއެވެ. ޓަވަރުތައް ކައިރީ އޮންނަ ހުސްބިންކޮޅުގައި ވިޔަފާރީގެ މަރުކަޒުތައް ހުޅުވައިފިއެވެ. ފޮށިގަނޑުތަކުން ކޮށިގަނޑެއް ޖަހަލައިގެން ފެނާއި މޭވާއި ކުރުނބާފަދަ ތަކެތި ވިއްކަންފަށައިފި އެވެ.

ހިޔާފުލެޓް 2 ލިބުނު ދިވެއްސަކު ބުންޏެވެ. އަދި މިއުޅެނީ ދަރާވިކިގެންވެސް ލިބުނު ފްލެޓް ހަދާ ނުނިމިގެން މިތަނަށް ނާދެވިގެނެވެ. މިހާރު ބިދޭސީން މިތާ ވިޔަފާރި ފެށީއެވެ. ސިޓީ ކައުންސިލާއި އެޗްޑީއޭ ކޮބައި ހެއްޔެވެ؟ އަދި މިކަމުގެ އަޑީގައި ތިބި މީހުން ކޮބައިހެއްޔެވެ؟ އޭނާ ބުނީ ބިދޭސީން ކުށްވެރިވަނީ ހަމައެކަނި މީހުން މެރުމުން އެކަނި ކަމަށެވެ. އެހެން ހުރިހާކަމެއް އެމީހުނަށް ހުއްދައެވެ.

ބިދޭސީން ހަމައެއް ލަމައެއްނެތި އެތައްމިތާގައި ވިޔަފާރިތައް ކޮށްހަދަނީއެވެ. މިއީ ކޮންކަހަލަ އުސޫލެއްހެއްޔެވެ؟ މި މީހުނަށް މިފަދަ މިނިވަންކަމެއް ލިބި ރާއްޖޭގެ ގާނޫނާއި ގަވާއިދާއި ޚިލާފަށްކަންތައް ކުރެވެނީ ކީއްވެހެއްޔެވެ؟

15 އަހަރު އިންޑިއާގެ ޓްރިވެންޑްރަމްގައި ދިރިއުޅުނު ދިވެހި އަންހެނަކު ކިޔައިދިނެވެ. އަހަރެމެން ކުދިންނަށް ކިޔަވައިދިންއިރު ގޭގައި އިތުރަށް މީހަކު ބެހެއްޓިޔަސް ކެރެލާ ސްޓޭޓްގެ ފުލުހުން ގެއަށް އައިސްވަދެ ބަލައެވެ. ގޭގައި ދިރިއުޅެނީ ކިތަންމީހުންތޯ އަހައި ވިސާ ބަލާ ޗެކް ކޮށްހަދައެވެ. އިތުރަށް މީހަކު ހުރިނަމަ، ކާކުތޯ ކީކުރަން އައިސް ހުރިމީހެއްތޯ ބަލައެވެ. މަހަކު އެއްފަހަރު ސިފައިން އައިސް ޗެކް ކުރެއެވެ. އާއިލާގެ މީހަކު ގޮވައިގެން ޑޮކްޓަރަށް ދައްކަންދިޔަސް އެކަންވެސް ބަލައެވެ. އެންމެފަހުން ވިޔަފާރިއަށް މީހުން ޑޮކްޓަރަށް ދައްކަނީކަމަށް ބުނެ ސިފައިންގެއަށް ހާޟިރުކުރަންފެށުމުން އެތާ ނޫޅެވިގެން ދަރިންގެ މަދުރުސީދައުރުވެސް ނުނިމެނީސް ރާއްޖެ އަންނަން ޖުހުނީއެވެ. އޭނާ ކިޔައިދިނެވެ. މިއީ އެންމެ އަވައްޓެރި ގައުމުގައިވެސް ދިވެހިން އުޅެންޖެހޭ ހާލަތެވެ.

އެހެންނަމަވެސް ބިދޭސީންނަށް މިގައުމުގައި ވިޔަފާރިއާއި މަސައްކަތްތައް ކުރެވޭނެ މަގުތައް ފަހިވެފައިވާލެއް ބޮޑުކަމުން އެ ގައުމުތަކުން އަންނަން މީހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ފިހާރައެއްގައި ސޭޓަކަށް އިން ބިދޭސީއަކު ބުންޏެވެ. " މިތަނުގަ މަސައްކަތް ފަސޭހަ. ލާރި ގިނައިން ލިބޭ. އެހެންވީމާ ބަނގުލަދޭޝް މީހުން، ގެ ވިއްކާލާފަވެސް މާލެ އަންނަނީ،" މިކަމުން އެނގެނީ ބިދޭސީންނަށް އެމީހުންގެ ގައުމުންވެސް ނުލިބޭފަދަ މިނިވަންކަމާއި ފައިސާލިބޭނެ މަގުތައް މިގައުމުން ތަނަވަސްވެފައިވާކަމެވެ.

ދިވެހި އާންމު ރައްޔިތު މީހާއަށް ނުލިބޭ މިނިވަންކަން މިގައުމުގައި ބިދޭސީންނަށް މިވަނީ ލިބިފައެވެ. ގާނޫނުތަކާއި ގަވާއިދުތައް އަރާހަމަކުރަނީ ދިވެހީންނާއެވެ. އެކަން ތަންފީޒުވަނީވެސް ގައުމުގެ ރައްޔިތުންނަށެވެ. ބިދޭސީނަށް ގާނޫނެއް ގަވާއިދެއް ނެތެވެ. ޖެހުނުތާކު އެއްޗެހި އަތުރައިގެން ވިޔަފާރި ފަށަންވީއެވެ. މިކަމަށް ހައްލެއް ނައިސް ދުވަހެއް ދުވަހަކަށް މިކަންތައް މިދަނީ އިތުރުވަމުންނެވެ. މިއީ މިދިވެހި ގައުމަށް ކުރިމަތިވާނެ ބޮޑު ނުރައްކަލަކަށްވެދާނެއެވެ.