މާލޭ ސިޓީ ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލް ކޮށްދޭނެ ބަޔަކު ހޯދަމް އިއުލާނުކޮށްފި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ، މާލޭސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން މާލޭސިޓީ ކައުންސިލުގެ އިދާރީ ހިންގުން ޑިޖިޓަލައިޒް ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ކައުންސިލްގެ އިދާރީ ހިންގުން ޑިޖިޓަލައިޒް ކޮށްދޭން ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

އެ މަސައްކަތުގެ ތެރޭގައި އެ ކައުންސިލުގައި ބޭނުންކުރަމުން ގެންގޮސްފައިވާ ހުރިހާ ލިޔެކިޔުންތައް ސްކޭން ކުރުމާއި، ޗެކްކުރުން، އަދި ސަވާގައި ސްޓޯކުރުމާއި ނޯމަލައިޒް ކުރުންވެސް ހިމެނޭކަމަށް ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނުން މައުލޫމާތު ސާފުކުރުމަށްފަހު ބިޑްހުށަހެޅުމަށް އިއުލާނުގައި ވެއެވެ. އެ މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުން އޮންނާނީ މާދަމާ ހެނދުނު 11:00 ޖަހާއިރު ސިޓީ ކައުންސިލްގެ އިދާރާގައެވެ.ބިޑް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 17 ވަނަ ދުވަސް ކަމަށާއި ބިޑް ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.