ކަރަންޓުގެ ސިނާއަތަށް ބައި ގަރުނަށްވުރެ ގިނަ ދުވަހު އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކުރެއްވި ސްޓެލްކޯ ބޯޑުގެ ކުރީގެ ޗެއާރމަން އަލްމަރުޙޫމް މުހައްމަދު ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ހުޅުއްވާދެއްވައިފިއެވެ. ޗެއާރމަން ރަޝީދުގެ ތައުޒިޔާގެ ދަފްތަރު ރައީސް ސާލިހު ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ތައުޒިޔާގެ ދަފުތަރުގައި ރައީސް ސާލިހު ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ އަލްމަރްހޫމް މުޙައްމަދު ރަޝީދަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރެއްވުމުގައި ދިގު މުއްދަތެއްގައި އިހްލާސްތެރި އަގުހުރި މަސައްކަތްތަކެއް ކުރެއްވި އަދި މާލޭގެ ކަރަންޓުގެ ހިދުމަތް ފުޅާކޮށް ޒަމާނީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ހިދުމަތްތެރިއެއްކަން ފާހަގަކުރައްވައިފައެވެ. ހިދުމަތުގެ ދާއިރާގައި މަރްޙޫމް ރަޝީދު ފާހަގަކުރެވެނީ ކަމަށް ކަމޭހިތްތަވައި ފަރުވާތެރިކަމާއެކު ހިދުމަތުގައި ދެމިހުންނެވި އިންޖިނޭރެއްގެ ގޮތުގައިކަމަށާއި ރަޝީދު ވަކިވެވަޑައިގެންނެވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހިދުމަތްކުރުމުގެ ރިވެތި ނަމޫނާއެއް ދައްކަވާފައި ކަމުގައި ރައީސްގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
-ޚަބަރާއި ފޮޓޯ ސްޓެލްކޯ