މިފަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ އެންމެ މޮޅު ކީޕަރުގެ މަގާމް ހައްގީ މިސްރުގެ ކީޕަރު ގަބަސްކީ (މުހައްމަދު ގުތްބް އަބޫ ގަބަލް) އަށް ކަމަށް މިސްރު ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސެނަގާލްގެ ކީޕަރު އެޑްއާޑް މެންޑީ ބުނެފިއެވެ.
ޗެލްސީއަށް ކުޅެމުން އަންނަ މެންޑީ ބުނީ އޭނާއަށް މުބާރާތުގެ މޮޅު ގޯލްކީޕަރުގެ މަގާމް ލިބުމުން އެކަމާ ގުޅޭ ގޮތުން ގަބަސްކީއާ ވާހަކަ ދެއްކި ކަމަށާއި އަދި އެމަގާމް ހައްގީ ގަބަސްކީއަށް ކަމަށް ދެކޭ ކަމަށް ބުނެފައި ވާނެ ކަމަށެވެ.
"މިފަހަރުގެ މުބާރާތުގައި (އެފްރިކާ ކަޕުގައި) އެންމެ މޮޅު ކީޕަރު އޭނާ (ގަބަސްކީ). ވަރަށް ތެދުބަހުން އޭނާއާ އަހަރެން ވާހަކަ ދެއްކިން. އަހަރެންގެ ނަޒަރުގައި މިފަހަރު މޮޅު ކީޕަރަކީ އޭނާ ކަމުގައިވެސް ބުނިން. އޭނާއަށް މަގާމް ހައްގު. ތެދުތެދައް ބުނަންޏާ މުބާރާތުގައި ގަބަސްކީ ދެއްކި ކުޅުމުން އަހަރެން ހައިރާން ކުރުވި" ޗެލްސީއާއެކު މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި ކީޕަރު މެންޑީ ބުންޏެވެ.
މުބާރާތުގެ ފައިނަލުން މިސްރު ޖާގަ ހޯދުމުގައި ތަރިޔަކަށް ވެގެންދިޔައީ ގަބަސްކީއެވެ. މުބާރާތުގެ ދެވަނަ ބުރުގައި އައިވަރީކޯސްޓް އަތުން ޕެނަލްޓީ ޖަހައިގެން މިސްރު މޮޅުވި މެޗުގައި ގަބަސްކީ ވަނީ އައިވަރީކޯސްޓަށް މެންޗެސްޓަރ ޔުނައިޓެޑުގެ ޑިފެންޑަރު އެރިކް ބެއިލީގެ ޕެނަލްޓީ މަތަކޮށްފައެވެ.
މީގެ އިތުރުން ކުއާޓާފައިނަލުގައި މޮރޮކޯ އަތުން 2-1 އިން މޮޅުވި މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ގަބަސްކީ ދިފާއު ކުރިއެވެ. ސެމީފައިނަލުގައި ކެމަރޫނުން ފޮނުވާލި ދެޕެނަލްޓީ ގަބަސްކީ ދިފާއު ކުރިއެވެ. އަދި ފައިނަލް މެޗުގައި މެޗުގެ ތެރެއިން ސެނަގާލްއަށް ލިބުނު ޕެނަލްޓީ ސާޑިއޯ މާނޭ ފޮނުވާލުމުން ގަބަސްކީ ވަނީ ދިފާއު ކޮށްފައެވެ. އަދި ސެނަގާލުން އުފެއްދި ގިނަ ހަމަލާތަކެއް ދިފާއުކޮށް ޕެނަލްޓީ ޝޫޓްއައުޓަށް މިސްރު ގެންގޮސްދިނުމުގެ އެންމެ ބޮޑު ތައުރީފެއް ހައްގު ވަނީ ގަބަސްކީއަށެވެ.
ޕެނަލްޓީ ޖަހައިގެން ފައިނަލް މެޗުން މިސްރު ބަލިވި ނަމަވެސް، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ގަބަސްކީއެވެ.
އެފްރިކާ ކަޕުގައި ދެއްކި ކުޅުމުގެ ސަބަބުން، މިވަގުތު މިސްރުގެ ޒަމާލިކަށް ކުޅެމުން އަންނަ ގަބަސްކީ،33، އަށް ކުރު މުއްދަތަކަށް ނަމަވެސް ޔޫރަޕުގެ ކްލަބަކުން ފުރުސަތު ލިބުމަކީ ކައިރީގައި އޮތް ކަމެއް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެއެވެ.