ޝާއިރުންގެ ވާދީއާއި ގްރީންސްޓޫޑިއޯ ގުޅިގެން ވީޑިއޯ ލަވައެއް ނެރެފިއެވެ. މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ވީޑިއޯ ލަވައެކެވެ.

މި ލަވަ ހަދައިފައިވާ ޝާއިރަކީ އިމްރާން ނައީމެވެ. ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ މުމްތާޒު މޫސާއެވެ. ގްރީން ސްޓޫޑިއޯގެ ފަރާތުން ލަވަ ޑައިރެކްޓް ކޮށްފައިވަނީ ފާތިމަތު ޝަރީފާ (ގްރީން ޝަރީފާ) އެވެ. އެކްޓްކޮށްފައިވަނީ ދާއިރާގެ ފުންނާބު އުސް ދެ ފަންނާނުން ކަމަށްވާ އަޙުމަދު އަމަން އަލީ (ޓޮމް) އާއި މަރިޔަމް ޝަހުޒާ (ޝަހޫ) އެވެ. އޭގެ އިތުރުުން ޖިމްޝާދު ޝަރީފް (ޖިމީ) ވެސް ބައިވެރިވެއެވެ. ލަވަ ޝޫޓުކޮށްފައިވަނީ އައްޑޫގައެވެ.

މިލަވައިގައި ދައްކަނީ އިނދެގެން ވަރަށް ލޯބީން އުޅެމުންއައި ދެމަފިރިއެއްގެ މެދުގައި ރަނގަޅަށް މުވާސަލާތު ނުކުރެވުމުން ދިމާވި މައްސަލަތަކެއްގައި ދެ މީހުން ވާހަކަ ނުދައްކައި ތިއްބައި އެންމެފަހުން ދެމީހުންވެސް ދުނިޔެއާ ވަކިވެގެންދިޔަ ގޮތެވެ. މި ލަވައިގައި ދެމަފިރިންގެ ރޯލު ކުޅެފައިވަނީ އަމަން އާއި ޝަހޫ އެވެ. ޖިމީއަކީ ދެމަފިރީންގެ ވެސް ވަރަށް ގާތް ރަހުމަތްތެރިއެކެވެ.

https://www.youtube.com/watch?v=8yFfi98JG7Q

ދެމަފިރީން ވަރަށް ލޯބީން އުޅެމުން އަންނަނިކޮށް ކުއްލިއަކަށް އަންހެނުން (ޝަހޫ) ބަލިވާން ފެށީއެވެ. ޑޮކްޓަރަށް ދެއްކުމުން އެނގުނީ ކެންސަރު ކަމެވެ. އެހިސާބުން ޝަހޫ ނިންމީ އެ ވާހަކަ ފިރިމީހާއަށް ސިއްރު ކުރުމަށެވެ. އޭނާ ދެރަވާނޭ ވަރު ހިތަށް އަރާފައެވެ. އެހެނަސް އެފަދަ ކަމެއް ކޮންމެވެސް މީހަކަށް ކިޔައިދޭންޖެހޭނެތީ އެވާހަކަ ހިއްސާކުރީ ޖިމީއާއެވެ. އަދި އެކަން ފިރިމީހާއަށް ވެސް ސިއްރުކޮށްދިނުމަށް އެދުނެވެ. އެހިސާބުން ޖިމީ ގެންދިޔައީ ޝަހޫގެ އަޑުއަހައި އޭނާއަށް އެހީތެރިވަމުންނެވެ. އޭނާ ބުނާ ކަންކަން ކޮށްދެމުންނެވެ. ޑޮކްޓަރަށް ދައްކަންދަނީ ވެސް ޖިމީއާއެކުގަވެ. ބަލީގެ ވާހަކަ ދައްކަން އެދެމީހުން އެކިތަންތަނުން ބައްދަލުކޮށް ހަދައެވެ. އެވެސް ފިރިމީހާއަށް އެކަން ސިއްރު ކުރުމަށެވެ. މިކަން އާދައަކަށްވުމުން ފިރިމީހާ (ޓޮމް) ގެ ހިތުގައި ޝައްކުތައް އުފެދެން ފެށިއެވެ. ދެރަވެ ހިތާމަކުރަން ފެށިއެވެ. ކަންބޮޑުވާން ފެށިއެވެ. މީހާ މާޔޫސްވެ ޑިޕްރެޝަނަށް ދިޔައެވެ. އުންމީދުގެ ހުޅުކޮޅު ނިވި ރަށުތެރެއަށް ގިނަވިއެވެ. އަންހެނުންނާ ދުރުވެ މަޖުނޫނަކަށްވީ އެވެ.

https://www.youtube.com/watch?v=8yFfi98JG7Q

މިގޮތަށް އުޅެމުންދަނިކޮށް ކަމުގެ ހަގީގަތް އޭނާއަށް އެނގެއެވެ. އެހިސާބުން އޭނާ އަވަސްވެގަތީ ޝަހޫ ގާތަށް ހޮސްޕިޓަލަށް ދިއުމަށެވެ. އޭރު ޝަހޫ ދިޔައީ ހޮސްޕިޓަލުގެ ބަލި އެނދުގައިއޮވެ މަރާ ހަނގުރާމަ ކުރަމުންނެވެ. އަވަހަށް ހޮސްޕިޓަލަށް ދިޔުމަށް އަވަސް އަރުވާލައިގެން އުޅެނިކޮށް ކާރެއްގައި ޖެހި ފިރިމީހާ މިދުނިޔެއާ އަލްވަދާއު ކިޔައެވެ. އެވަގުތަކީ ކެންސަރު ބަލީގައި ޝަހޫ ވެސް ފުރާނަ ދޫކޮށްލި ވަގުތެވެ. އެހިސާބުން ލަވަ ނިމެއެވެ.

މިލަވައާ ބެހޭގޮތުން ޑައިރެކްޓަރ ޝަރީފާ ބުނީ މިއީ އޭނާގެ މިފަދަ ފުރަތަމަ މަސައްކަތް ކަމަށެވެ. ކޮވިޑްގެ ހާލަތު އޮތްގޮތުން އެންމެ ރަނގަޅަށް ލަވައިގެ މަސައްކަތް ކުރެވޭގޮތެއް ނުވި ކަމަށްވެސް އޭނާ ބުންޏެވެ. "ވަރަށްފުރިހަމައަށް ރާވާފައި އޮތީ. އައްޑު އާއި ފުވައްމުލަކުގެ އެކި ހިސާބުތަކަށް ގޮސް ޝޫޓުކުރާ ގޮތަށް ރޭވީ. އެކަމަކު ކޮވިޑް ބަލި އިތުރުވެ ރަށުގައި ބަންދުވުމުން އެއްވެސް ދިމާއަކަށް ދެވޭގޮތެއް ނުވި. ދާން ރޭވި ހުރިހާ ލޮކޭޝަނެއްގައި ޝޫޓު ކުރިނަމަ ވަރަށް ފުރިހަމަވީސް،" ޝަރީފާ ބުންޏެވެ. އެހެނަސް މިއީ އޭނާގެ މިބާވަތުގެ ފުރަތަމަ މަސައްކަތެވެ. ކަންތައް ދިމާވިގޮތަށް ބަލާފައި މަސައްކަތާމެދު އޭނާ ހުރީ ހިތްހަމަޖެހިފައެވެ. އެހެނަސް މުސްތަގުބަލަށް އޭނާ ކުރާ އުންމީދު މިހާރުވަނީ މާ މަތިވެފައެވެ. މިމަސައްކަތުގައި ކުރިއަށްދާން އޭނާ ބޭނުންވެއެވެ. ލަވައާއި ޑްރާމާއި ފިލްމުތައް ވެސް ޑައިރެކްޓް ކުރަން އެނާ އެ އިނީ ނުކުމެވެ.

މި ލަވަ ޝޫޓުކުރުމުގައި އައިއެމްޑީސީން ދެއްވި އެހީތެރިކަމަށްޓަކައި ގްރީންސްޓޫޑިއޯއާއި ޝާއިރުންގެ ވާދީގެ ފަރާތުން އެ ހޮސްޕިޓަލުގެ ވެރިޔާ މަރިޔަމް ޝަކީލާއަށް ޝުކުރު އަދާ ކުރިއެވެ.