ރާއްޖެއަށް އެތެރެކުރި ދޫނިތަކެއް ފިޝަރީޒް މިނިސްޓްރީން މަރާލި މައްސަލާގައި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ހަލި ނިއުސްއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީގެ އެ އަމަލުގެ ސަބަބުން ހިތާމަކުރައްވާ ކަމަށެވެ. ރާއްޖެއަށް އެތެރެކުރާ ދޫނިތަކުގެ ކަންކަން ބަލަހައްޓަނީ އެންމެ ރަނގަޅު ގޮތަކަށް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެއްވެސް ދިރޭ އެއްޗަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބުމަކީ އެއްވެސް މީހަކު އެދެނޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެފަދަ އަނިޔާއެއް ލިބޭގޮތަށް ނުވަތަ ދެވިދާނޭ ގޮތަށް ރާއްޖޭގެ އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއް އޮތް ކަމަށްވާނަމަ އެކަން ވެސް އިސްލާހު ކުރަން ޖެހޭ ކަމަށް ނަޢީމް ވިދާޅުވިއެވެ. "ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެ ކޮށްފައިވާ ދޫނިތަކެއް ކަމަށްވިޔަސް އެ މަރާލައިގެން ނުވާނެ. ފިޝަރީޒް މިނިސްޓްރީން އެ ދޫނިތަކާމެދު އަމަލުކޮށްފައިވާ ގޮތާމެދު ހިތާމަކުރަން. ދޫނިތަކުގެ ކަންކަން މެނޭޖުނުކުރެވެންޏާ ކުރެވޭނޭ ބަޔަކާ ހަވާލުކޮށްދެއްވާ،" ނައީމް ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެކޮށްފައިވާ ދޫނިތަކެއް އިންޖެކްޝަން ޖަހައިގެން މަރާލި މައްސަލާގައި މުޅިރާއްޖެވަނީ ހިތްހަމަނުޖެހިފައެވެ. އެކަމާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ވަނީ ކަމަބެހޭ ފަރާތްތަކަށް އަމާޒުވެފައެވެ.
ދޫނިތައް މަރާލި މައްސަލާގައި ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވަނީ އެއީ ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ދޫނިތަކެއް ކަމަށެވެ. އެހެންކަމުން ދޫނިތައް ނައްތާލާފައިވަނީ ބަންޑާރާނާއިބުގެ ލަފާގެ މަތީން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ބަންޑާރާ ނާއިބު އޮފީހުން ވިދާޅުވެފައިވަނީ އެ ދޫނިތައް މަރާނުލައި ފޮނުވާލުމުގެ ފުރުސަތު ވެސް ފިޝަރީޒް މިނިސްޓްރީއަށް އޮތްކަމަށެވެ. އެހެންނަމަވެސް އެމިނިސްޓްރީން އެގޮތަށް އަމަލުކޮށްފައި ނުވާކަމަށެވެ. ބަންޑާރަނާއިބުގެ އޮފީހުން ވިދާޅުވެފައިވެއެވެ.
އިއްޔެ ނައްތާލީ ދޫނިތަކަކީ މިދިޔައަހަރުގެ ފަހުކޮޅު ރާއްޖެއަށް އެތެރެކޮށްފައިވާ ދޫނިތަކެއް ކަމަށެވެ. އެއީ ގަވާއިދާ ޚިލާފަށް އެތެރެކުރި ދޫނިތަކެއް ކަމަށްވިޔަސް އެ ކަރަންޓީން ކުރުންފިޔަވައި އެ އެތެރެކުރި ފަރާތާމެދު ފިޝަރީޒް މިނިސްޓްރީން ފިޔަވަޅެއް އަޅައިފައި ނުވާކަމަށް ވެސް ބަންޑާރަނާއިބުގެ އޮފީހުން ވިދާޅުވެފައިވެއެވެ.