ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި މައިކްރޯގްރިޑް ޕްލާންޓްތައް ރާއްޖެއަށް ގެނެސްފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރި ލޮނުފެން މީރުފެނަށް ބަދަލުކުރާ މައިކްރޯގްރިޑް ޕްލާންޓްތައް ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އަދި ޑީސެލިނޭޝަން ޕްލާންޓްތައް ގެނައީ އިއްޔެ ކަމަށެވެ.

މި ޕްލާންޓުތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، އަދި ރ. އަލިފުށީގައި ކަމަށާއި މި އެހީގެ ސަބަބުން އެރަށްރަށަށް ދިމާވެފައިވާ ސާފު ބޯފެނުގެ ދަތިކަމަށް ހައްލު ލިބޭނެ ކަމަށް ވެސް އެ ޓްވޯޓު ގައި ވަނީ ބުނެފައެވެ.

މިއީ ދާދި ފަހުން ރާއްޖެ ޒިޔާރަތްކުރެއްވި ޗައިނާގެ ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގައި ހަދިޔާކުރަން ނިންމެވި ސާމާނުގެ ތެރެއިން ބައެކެވެ.

ރާއްޖޭގެ ތަރައްޤީއަށް ޗައިނާ އިން ދަނީ އެކި އެކި ދާއިރާތަކުން އެހީތައް ފޯރުކޮށްދެމުންނެވެ. ރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރިތާ މިއަހަރަަށް 50 އަހަރުފުރޭނެއެވެ.