ދިވެހިރާއްޖޭގެ ކޮންމެ ރަށަކީވެސް ފެހިމަލައެއް އެކުލެވިފައިވާ ދޮންވެލި ގޮނޑުދޮށްތަކުން ޒީނަތްތެރިވެފައިވާ ސާފު ރީތި ރަށެކެވެ. މިރަށްތަކުގައި ދިރިއުޅޭ މީހުންނަކީ ސާފުތާހިރުކަމަށްލޯބިކުރާ މުރާލި ބައެކެވެ. އެކި ރަށްރަށަށް އެކި ކަންތައް ޚާއްޞަވެފައި ވާއިރު މުލަކަތޮޅު މުއްޔަކީވެސް ޚާއްޞަ އެތައް ކަމެއް ފާހަގަކުރެވޭ ރަށަކެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ ރަށް، ކުނިކެހުމެވެ.
2000 ގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ރަށް، ކުނިކަހާ ސާފުކުރުމަކަށް ފައިސާއެއް ނުލިބެއެވެ. ރައްޔިތުން އެކަން ކުރަނީ އެއީ އިޖުތިމާޢީ މަސައްކަތަކަށް ވާތީއެވެ. އެރަށެއްގައި ދިރިއުޅޭ އެންމެންގެ ޒިންމާއެއް ކަމުގައި ދެކިގެންނެވެ. މިއީ ހުރިހާ ރައްޔިތުން އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ކުރާ މަސައްކަތެކެވެ. މ. އަތޮޅު މުލި މިކަމުގައި ފާހަގަކުރެވެނީ އެރަށުގައި މީހުން ނޫޅޭ ހިސާބު މަގުތައް އަތިރިމަތީންގޮސް ގޮނޑުދޮށާއި ހަމައަށް ކަހާ ސާފުކުރާތީއެވެ. އެއީ ކިތަންމެ ބޮޑު ސަރަޙައްދަކަށްވިޔަސް ހަފުތާއަކު އެއްފަހަރު ކުދި ގަސްތަކާއި ވިނަތައް ނޮޅައި، ސާފުކުރުމަކީ ޒަމާނުއްސުރެ މުލީ އަންހެނުން ކުރަމުން އަންނަ މަސައްކަތެކެވެ.
އެހެންކަމުން ރަށަށް އަރާފައިބާމީހުނަށް މުލި، ފެންނަނީ ވަރަށް ސާފުތާހިރުކޮށެވެ. މަގުމައްޗަށް، އަތިރިމައްޗަށް، ގަސްގަހުން ފަތާއި ކުނި އެޅިފައި ހުރުމަކީ މުލީ އަންހެނުންނަށް ކަމުދާ ކަމެއްނޫނެވެ. މުލަކަތޮޅުގައި 7 އަހަރު އަތޮޅުވެރިކަން ކުރެއްވި އަބުދުލް ހަމީދު މުޙައްމަދު ވިދާޅުވީ މުލީގައި، މީހުންދިރިނޫޅޭ ހިސާބު ވަރަށް ބޮޑެތި މަގުތައް އެރަށުގެ އަންހެނުން ސާފުކުރާ ކަމަށެވެ. " އެއީ ވަރަށް ބުރަމަސައްކަތެއް. ފިތުރޯނާއި ދިއްގާފަދަ ބޮޑެތި ގަސްތައް ހުންނަ ފުޅާ، ދިގުމަގުތައް އަބަދުވެސް އޮންނާނީ ކުނިކަހާ ސާފުކޮށްފައި. އެ ވިއު ވަރަށް ރީތި. ވަރަށް ދުރުން ބަލާއިރުވެސް އެއީ ވަރަށް ހިތްފަސޭހަ މަންޒަރެއް." އަބުދުލް ހަމީދު މުޙައްމަދު ވިދާޅުވިއެވެ.
މުލިން ވާހަކަދެއްކި 40ގެ އަހަރުތައް ގުނަމުންދާ އަންހެނަކު ހީލާފައި ބުންޏެވެ. " ކުނިކަހާ ސާފުކުރުން ކަށީގައި ހިފާނެ ނޫން ހެއްޔެވެ؟ އުމުރުން 8 އަހަރުގައި ފަތިސް ނަމާދުން އަންނަގޮތަށް އިރު އެރުމުގެ ކުރިން މުޅި ގޯތިވަށައި ކުނިކަހަންޖެހެއެވެ. އެހެންނޫނީ ހެނދުނު ސައެއް ނުލިބޭނެއެވެ." މިއީ މުލީގެ ހުރިހާ ގެއެއްގައިވެސް އާދަކޮށް ކުރާކަމެކެވެ. ހެނދުނު އެންމެ ފުރަތަމަ މަސައްކަތަކީ ގޯތީގެ އެތެރެއާއި ބޭރު ކުނިކެހުމެވެ.
މުލީ އަންހެނުން ކޮމެޓީގެ ރައިސާ އަސްމާ ހުސެއިން ބުނުއްވީ މުއްޔަކީ މުވައްސަސާތައް ގިނަ މުވައްޒަފުން ގިނަ ރަށަކަށްވުމުން މިހާރު ކުނިކަހަނީ ކޮންމެ ހުކުރުދުވަހު ކަމު ގައެވެ. " ހުކުރު ދުވަހު ހެނދުނު ހެނދުނާ އެންމެން ނުކުމެ ރަށް ކަހާ ސާފުކޮށްލާނެ. ރައްޔިތު، އަންހެނުން 4 ބަޔަކަށް ބަހާލައިގެން އެބަޔަކަށް ލިބިފާވާ ހިސާބެއް ކޮންމެ ހަފުތާއަކު ހުކުރުދުވަހު ކަހާ ސާފުކުރާނެ. މީ ވަކި ފައިސާ ލިބޭތީއެއްނޫން. ފައިސާ ނުލިބުނު ދުވަސްވަރުވެސް މިރަށު ރައްޔިތުން ހަމަ މިގޮތަށް ރަށް ސާފުކުރި." އަސްމާ ހުސެއިން ބުނުއްވިއެވެ. ކޯވިޑް 19ގެ ބަލިމަޑުކަމުގައި ރަށް މޮނީޓަރިންގައި އޮތް އިރުވެސް މަދުން މީހުން ނުކުމެ ގައިދުރުކަން ބަހައްޓައިގެން ރަށް ސާފުކުރިކަން އަސްމާ ފާހަގަކުރެއްވިއެވެ.
ކޮންމެ ރަށެއްގެ ކައުންސިލަށްވެސް ލާރިދީފައި ހުންނަނީ އެރަށެއްގެ އާބާދީގެ ނިސްބަތުންކަމުގައި މުލީ ކައުންސިލުން ބުނުއްވިއެވެ.. އެގޮތުން މުއްޔަކީ އާބާދީގައި ގާތްގަޑަކަށް ހާހެއް ހާ، މީހުން ދިރިއުޅޭ ރަށެކެވެ. މީގެތެރެއިން އަންހެނުންގެ އަދަދަކީ 492 އެވެ. އެހެންކަމުން އާބާދީ ބޮޑު ރަށް ރަށާ ބަލާފައި ލިބޭ ފައިސާ މަދެވެ. އެހެންނަމަވެސް އާބާދީ ބޮޑު ބައެއް ރަށްރަށުގައި ކުނިކަހަން އޮންނަ ތަންކޮޅު ކުޑަވުމުން ލިބޭ ލާރީ ގިނަކަމަށް ކައުންސިލުން ބުނުއްވިއެވެ.
މިކަމަކުން މުލީ އަންހެނުން ހިތްވަރު އެލުވައެއް ނުލައެވެ. ރަށް، ސާފުކުރުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނާޅައެވެ. މި މަސައްކަތުގައި ބޭރު މީހުންގެ ބައިވެރި ވުމެއް ނެތެވެ. އަދި ފިރިހެނުންވެސް ބައިވެރިއެއް ނުވެއެވެ.
މުލީގެ ހީވާގި އަންހެން ކަނބަލުން ބަނދަރާއި އަތިރިމަތިތައް ހަޑިވިޔަނުދީ ބަލަހައްޓައެވެ. ވިނަތަކާއި ގަސްތަކުން ރަށް ވާ، ވިޔަ ނުދީ ސާފުކުރެއެވެ. މުލީ ރައްޔިތުންގެ އާދަކާދަ ދެމަހެއްޓުމަށްޓަކައެވެ. ރަށް ކުނިކަހާ ސާފުކުރުމަކީ އެރަށު ކަނބަލުންގެ ކަށީގައި ހިފާފައިވާ ކަމެކެވެ. މުލީގެ ހިތްވަރުގަދަ ކަނބަލުންނަށް ތަޢުރީފު ހައްގެވެ. ތިޔަކުރާ ބުރަ މަސައްކަތަށް ސާބަސްދެމެވެ.
ވަރަށް ބޮޑު ހަގީގަތެއް، ބައެއްރަށްރަށަށް ލިބޭ ލާރިކޮޅަށް ކޮންޓްރެކްޓަށް މަސައްކަތް ހަވާލުކުރުމުން ސާފެއް ނުކުރެވޭ. ރަށް ގޮނޑުވެގެން މުވައްސަސާތަކުން މީހުން ނުކުމެ ސާފުކުރާ އެތައް ރަށެއް ރާއްޖޭގައި އެބައޮތް. މުލީ ކަނބަލުންނަށް އައްސަރިބަހާއި ސާބަސް.
ހަމަ އަސްލު ވާހަކަތަކެއް. ލިބޭ ލާރިކޮޅަށް ނުބަލާ ރަށް ކުނިކަހާ ކަނބަލުނަށް ސާބަސް ރަށްދުކުރަން
ވަރަށްބޮޑު ތެދެއް މުލީގެ ހިތްވަރުގަދަ ކަނބަލުންނަށް ސާބަސް