ދޫނިތައް މަރާލުމުން ޒުވާނުން އިހުތިޖާޖު ކޮށްފިއެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި އިހުތިޖާޖު ގައި ޒުވާނުންވަނީ ދޫނިތައް މަރާލުމުން އެމީހުންގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ޒުވާނުން ތިބީ އެފަދަ ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިންނެވެ.

ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރާ ދޫނި ސޫފާސޫފިތައް މަރާނުލައި އެކަމުގައި އަމަލުކުރާނެ އެހެން ގޮތެއް ސަރުކާރުން ހަމަޖައްސައި ދިނުމަށް ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވައިލާފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ އެ ދޫނިތައް މަރާލީ އެޓަރނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށެވެ. އެހެންނަމަވެސް އޭޖީ އޮފީހުން ބުނީ އެ ދޫނިތައް އަނބުރާ ރާއްޖެއިން ބޭރަށް ފޮނުވާލެވޭނެ ކަމަށް ލަފާދީފައިވާނެ ކަމަށެވެ.

މަރާލާފައިވާ ދޫނި ތަކަކީ ރާއްޖޭގައި ދޫނީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ "ޕެޓް މާސްޓަރ" އިން އެތެރެކުރި ދޫނިތަކެކެވެ.

މިކަމާއިގުޅިގެން ޕެޓް މާސްޓަރގެ މެނޭޖަރު ހުސައިން އާތިފް ވިދާޅުވެފައިވަނީ އެ ދޫނިތައް މަރާލާފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައި ކަމަށެވެ. އަދި ގާތްގަޑަކަށް 120 ދޫނި މަރާލާފައިވާއިރު، އޭގެ އަގަކީ 800،000 ރުފިޔާ ކަމަށެވެ.

"އެތެރެކުރިއިރު އެ ދޫނިތަކަކީ ރާއްޖެ އެތެރެކުރުމުގެ ހުއްދަ ލިބިފައެއް ނެތް. އެކަމަކު ފަހުން ގާނޫނަށް ބަދަލުގެނެސް އެފަދަ ދޫނިތައް އެތެރެކުރުމުގެ ހުއްދަ ވަނީ ލިބިފަ. ހުއްދަ ނެތް އެހެން ދޫނިތައް ވެސް އެ ފެސިލިޓީގައި ތިބި އޭރު. ހުއްދަ ލިބުމުން އެތަކެތި ދޫކުރި. އެކަމަކު އަޅުގަނޑުމެންގެ ދޫނިތައް ހިފެހެއްޓީ." އާތިފް ވިދާޅުވިއެވެ.

ދޫނިތައް މަރާލި މައްސަލަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފައިވާއިރު، އެމަނިކުފާނު ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.