ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މިހާރު ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕުގެ ސެމީފައިނަލުގައި އޭޝިޔާގެ ޗެމްޕިއަން، ސައުދީ އަރަބިއްޔާގެ އަލް ހިލާލް 0-1 އިން ބަލިކޮށް ޔޫރަޕުގެ ޗެމްޕިއަން އިނގިރޭސި ވިލާތުގެ ޗެލްސީ ފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.
މުހައްމަދު ބިން ޒައިދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިސީޒަނުގައި ޗެލްސީއާ ގުޅުނު ބެލްޖިއަމް ގައުމީ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫއެވެ.
ދެޓީމުގެ ފަރާތުންވެސް އެޓޭކިންގ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި، ޔޫރަޕުގެ ޗެމްޕިއަނުންނާ ދެކޮޅަށް އަލް ހިލާލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ޗެލްސީގެ ގޯލަށް އަމާޒުކޮށް ހިލާލުން ވަނީ 3 ހަމަލާ ފޮނުވާލާފައެވެ. ޔޫރަޕުގެ މަތީ ފަންތީގެ ކުޅުންތެރިން ކުޅެމުންދާ ޗެލްސީއަށް ހިލާލުގެ ގޯލަށް އަމާޒުކޮށް 5 ހަމަލާ ފޮނުވާލިއެވެ.
ފައިނަލުގައި ޗެލްސީ ބައްދަލު ކުރަން ޖެހޭނީ ސައުތު އެމެރިކާގެ ޗެމްޕިއަން، ބްރެޒިލްގެ ޕަލްމެއިރަސްއާއެވެ. ޕަލްމެއިރަސް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގައި އެފްރިކާގެ ޗެމްޕިއަން، މިސްރުގެ އަލް އަހްލީ 2-0 އިން ބަލިކޮށްގެންނެވެ.
ޗެލްސީ އާއި ޕަލްމެއިރަސް ބައްދަލު ކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. ހަމައެދުވަހު މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އަލް ހިލާލް އާއި އަލް އަހްލީ ބައްދަލު ކުރާނެއެވެ.