ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޚިދުމަތް ދިވެހިރާއްޖޭގައި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި، ޤާނޫނާއި ޤަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް، ކަމާބެހޭ މަސްލަޙަތު ވެރިންގެ ލަފަޔާއި އިރުޝާދާއިއެކު ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ވިދާޅުވެއްޖެއެވެ. މިއީ ދިރޭތަކެތަކެއްޗަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދެވޭކަމާއި، ރައްޔިތުންގެ އާއްމު ޞިއްޙަތު ރައްކާތެރި ކުރެވޭކަން ކަށަވަރު ކުރުމަށް ކުރައްވާ ކަމެކެވެ.

ރާއްޖެއަށް އެތެރެކޮށްފައިވާ ދޫނީގެ ފަސް ޝިޕްމެންޓެއް މިމަހުގެ 8 ވަނަދުވަހު މަރާލައިފައިވާތީ ރައްޔިތުން ގެންދަނީ އެކަމާ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަންކަން އިޚްލާސްތެރިކަމާއެކު ބަލައިގަންނަ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މިކަމާ ގުޅިގެން ނެރުއްވާފައިވާ ބަޔާނެއްގައި މިނިސްޓްރީން ވިދާޅުވެފައިވަނީ ގަވާއިދާ ޚިލާފަށް "ރާއްޖެއަށް އެތެރެކޮށްފައިވާ 5 ޝިޕްމަންޓެއްގައި ހިމެނޭ ދޫނިތަކެއް މިމިނިސްޓްރީގެ ދަށުން ހިންގާ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ސާރވިސްއިން 8 ފެބްރުއަރީ 2022 ގައި ނައްތާލުމާއި ގުޅިގެން، ރައްޔިތުން ފާޅު ކުރައްވަމުން ގެންދަވާ ކަންބޮޑުވުންތަކާއި އިޙްސާސްތައް އިޚްލާސްތެރިކަމާއެކު ބަލައިގަނެ، އެކަމާމެދު ހިތާމަކުރަމެވެ."

ރާއްޖެއަށް އެތެރެކުރާ ދިރޭ ޖަނަވާރާއި ގަސްގަހާގެހި އިންސްޕެކްޓްކޮށް ކަރަންޓީންކުރުމަކީ، ދިވެހިރާއްޖޭގެ ޤާނޫނީ އިޖުރާޢަތްތަކާއި ބައިނަލް ޢަޤްވާމީ މުޢާޙަދާއާއި އެއްގޮތަށް އެ މިނިސްޓްރީން ފޯރުކޮށްދިނުން ލާޒިމްކުރާ އަސާސީ ޚިދުމަތެކެވެ. މިގޮތުން، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި، ނައްތާލަންޖެހޭ ޙާލަތްތަކުގައި، އެ މިނިސްޓްްރީން އައީ ޤާނޫނާއި ޤަވާއިދާއި އެއްގޮތައް ނައްތާލަމުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ދޫނިތައް މަރާލި މައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ތަފްޞީލު ރިޕޯޓެއް އެކުލަވާލުމަށް ރައީސުލް ޖުމްހޫރިއްޔާ ވެސް ވަނީ އަންގަވައިފައެވެ. އެ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ. ލިބެންހުރި ލިޔެކިޔުމާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކަންހިނގިގޮތުގެ ޙަޤީޤަތް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލާ ރިޕޯޓު އެކުލަވާ ލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ދޫނިތައްކުގެ މައްސަލާގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް އަމަލުކޮށްފައިވާ އެންމެހާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ވެސް އެ މިނިސްޓްރީން ވަނީ ރައްޔިތުންނަށް ދެއްވައިފައެވެ. މިފަދަ ކަންކަން މުސްތަޤްބަލުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ، ދިވެހިރާއްޖެއަށް ދޫންޏާއި ދިރޭތަކެތި އެތެރެކުރާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާޢަތްތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުން ކަމަށްވާތީ، ރާއްޖެއަށް ދިރޭތަކެތި އެތެރެކުރާ ފަރާތްތަކުން، އެކަންކަމަށް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާޢަތްތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށް ވެސް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.