ވ. އާރަށުގެ މައްސަލައިގައި އުފުލާފައިވާ ދައުވާތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންކާރު ކުރައްވައިފިއެވެ.
މި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލަ އެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާ އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާތަކަށް ޖަވާބުދިނުމުގެ ފުރުސަތު ޔާމީނަށް ދީފައިވެއެވެ.
ދައުވާތަކަށް ޖަވާބުދެމުން ޔާމީންގެ ވަކީލުން ވަނީ ދައުވާ ސާފުނުވާކަމަށް ބުނެ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެކަންކަން ދައުލަތުން ސާފުކޮށްދިނުމުންވެސް ދައުވާ ސާފުނުވާކަމަށް ޔާމީންގެ ވަކީލުން ބުނެފައިވެއެވެ. އެހެންކަމުން އެކަމުގައި ގޮތެއް ނިންމަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެކަށީގެންވާ މިންވަރަށް ދައުވާ ސާފުކޮށްދެވިފައިވާކަމަށް ދެކޭކަމަށެވެ.
މައްސަލައިގައި ކޮށްފައިވާ ދައުވާތަކަށް ޖަވާބުދެމުން ޔާމީންގެ ވަކީލް ބުނެފައިވަނީ އެކަންކަމަކީ ޔާމީން ކުރެއްވި ކަންކަމެއް ނޫންކަމަށާއި، އެހެންކަމުން ދައުވާތަކަށް އިންކާރު ކުރައްވާކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށައެޅުންތައް ހުށަހެޅުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދިފައެވެ. އެ ފުރުސަތު ދެއްވުމަށްފަހު ގާޒީ ވިދާޅުވީ މިމައްސަލައިގެ އިތުރު އަޑުއެހުމެއް މިމަހުގެ 16 ވަނަ ދުވަހު ބާއްވާނެކަމަށެވެ.