މިއަދު ރާއްޖެއަށް ދިމާވެފައިވާ ދަތި ހާލުގައިވެސް ރަހްމަތްތެރިން މިސާލު ދައްކާފައިވާ ކަމަށް ވިދާޅުވެ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިންޑިއާއަށް ތަޢްރީފް ކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، މުޅި ދުނިޔެ ބަންދު ކުރިއަސް ރަހްމަތްތެރިން ރާއްޖެއަށް ހުޅުވާފައިވާ ދޮރުތައް ބަންދު ނުކުރާނެކަން މިއަދު ދައްކައިފި ކަމުގައެވެ.

ފޮރިން މިނިސްޓަރ މިމޭރުމުން ވާހަކަ ދެއްކެވީ، ރާއްޖޭގެ ބަޖެޓް ސަޕޯޓަށް އިންޑިއާއިން ދިން 250 މިލިއަން ޑޮލަރުގެ ރަމްޒީ ޗެކާ ހަވާލުވުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބާއްވާފައިވާ ރަސްމިއްޔާތުގައެވެ.

އިންޑިއާއިން ދިން 250 މިލިއަން ޑޮލަރު (3.85 ބިލިއަން ރުފިޔާ) ރާއްޖެއަށް ދީފައިވަނީ ރާއްޖޭގައި ހުންނަ އެސްބީއައި މެދުވެރިކޮށެވެ. މިއީ ދިހަ އަހަރު ތެރޭ ދައްކާގޮތަށް ދީފައިވާ ލޯނެކެވެ.

މިނިސްޓަރ އޮފް ފިނޭންސްއާއި، އެސްބީއައިގެ ސީއީއޯ ބައިވެރިވެ ވަޑައިގަތް ރަސްމިއްޔާތުގައި ޗެކް، މިނިސްޓަރ ޝާހިދާ ޙަވާލުކޮށްދެއްވީ އިންޑިއާ ހައިކޮމިޝަނަރ ސަންޖޭ ސުދީރްއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުގެ ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖެއަށް ލިބޭނެކަމަށް އަންދާސާ ކުރި ވަރަށް ވުރެން އާމްދަނީ ފަންސާސް ޕަސެންޓަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އެކަމަކުވެސް ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ދިނުމުގައި ފަސްނުޖެހި ސަރުކާރުން ދާކަމަށާއި މިހާތަނަށް ކޮވިޑް ރިލީފްގެ ގޮތުގައި 900 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ.