ފޯވާޑް ޑިއޭގޯ ޖޮޓާގެ ދެލަނޑުން ލެސްޓަރ ސިޓީ 2-0 އިން ބަލިކޮށް، ލީގް ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި މެންޗެސްޓަރ ސިޓީއާ އެއްރޭހުގައި ލިވަޕޫލުން ރޭ ހިފެހެއްޓިއިރު ވުލްވޮސް ބަލިކޮށް އާސެނަލްއިން ގަދަ ހަތަރެއްގެ އުއްމީދު ދަމަހައްޓައިފިއެވެ.

ލިވަޕޫލްގެ ފުރަތަމަ ލަނޑު، 34 ވަނަ މިނެޓުގައި ޖޮޓާ ކާމިޔާބު ކުރީ ލިވަޕޫލަށް ލިބުނު ކޯނަރެއް ޑިފެންޑަރު ވެންޑައިކް ބޮލުން ފޮނުވާލި ހަމަލާއެއް ލެސްޓަރގެ ކީޕަރު ކެސްޕަރ ޝްމެއިކަލް އަތުގައި ޖެހިފައި އޭރިޔާގެ ތެރެއަށް ބޯޅަ ވެއްޓުނު ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ލީގުގައި އެންމެފަހުން ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު 2 މެޗުންވެސް ބަލިވެފައިވާ ލިވަޕޫލްގެ ލީޑް ޖޮޓާ ފުޅާކޮށްދިނީ މެޗް ނިމެން ތިން މިނެޓަށްވެފައި ވަނިކޮށެވެ.

މިމޮޅާއެކު މެންޗެސްޓަރ ސިޓީގެ ފަހަތުން ތާވަލުގެ ދެވަނައިގައި ލިވަޕޫލް އޮތީ 23 މެޗުން ހޯދި 51 ޕޮއިންޓާއެކުއެވެ. މެންޗެސްޓަރ ސިޓީ ތާވަލުގެ ކުރީގައި އޮތީ 24 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި 47 ޕޮއިންޓާއެކު ޗެލްސީއާ އެހެން ޓީމްތަކަށް ލީގް ޗެމްޕިއަންކަމަށް ވާދަ ކުރުމުގެ ފުރުސަތު ގާތްގަނޑަކަށް ވަނީ ބަންދުވެފައެވެ.

ލީގުގެ ގަދަ ހަތަރަކަށް ވާދަ ކުރަމުން އަންނަ އާސެނަލްއިން ވުލްވޮސްގެ މައްޗަށް މުހިއްމު މޮޅެއް ހޯދީ ފުރަތަމަ ހާފުގައި ޑިފެންޑަރު ގެބްރިއެލް ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑުން 1-0 އިން މޮޅުވެގެންނެވެ. މިމެޗުގެ 69 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއެކު އާސެނަލްގެ ބްރެޒިލްގެ ފޯވާޑް މާޓިނެއިލްއަށް ރަތްކާޑް ދެއްކުމުން މެޗުގެ ފަހު ވިހި މިނެޓް އާސެނަލްއިން ކުޅެން ޖެހުނީ އެއްކުޅުންތެރިޔަކު މަދުކޮށެވެ.

އާސެނަލް އާއި ވުލްވޮސް ބައްދަލު ކުރި މެޗުގެ ތެރެއިން.

މެޗުން މޮޅުވުމުން އާސެނަލް ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ. މިމޮޅާއެކު ތާވަލުގެ 5 ވަނައިގައި އާސެނަލް އޮތީ މިހާތަނަށް ކުޅުނު 22 މެޗުން ލިބުނު 39 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަތަރު ވަނައިގައި ވެސްޓްހޭމް 40 ޕޮއިންޓާއެކު އޮތީ އާސެނަލްއަށް ވުރެ އިތުރަށް ދެމެޗް ކުޅެގެންނެވެ.