މެޗުގެ ނުވަދިހަ މިނެޓުގެ ކުޅުން ނިމުނުއިރު ދެޓީމު 1-1 އިން އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު ފަނަރަ މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފް ނިމެން އެންމެ ތިން މިނެޓަށް ވެފައި ވަނިކޮށް ޖަރުމަނުގެ ހުނަރުވެރި މިޑްފީލްޑަރު ކައި ހަވަޓްޒް ކާމިޔާބު ކުރި ޕެނަލްޓީއިން ބްރެޒިލްގެ ޕަލްމެއިރަސް 2-1 އިން ބަލިކޮށް އިނގިރޭސި ވިލާތުގެ ޗެލްސީއިން ކްލަބް ވޯލްޑް ކަޕުގެ ޗެމްޕިއަންކަން މިރޭ ހޯދައިފިއެވެ.

ޔޫއޭއީގެ މުހައްމަދު ބިން ޒައިދް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ޗެލްސީއިންނެވެ. މިލަނޑު އެޓީމަށް މެޗުގެ 54 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މީގެ ދުވަސް ކޮޅެއް ކުރިން އެކްލަބާ މައްސަލަ ޖެހުނު ބެލްޖިއަމްގެ ނުރައްކާތެރި ފޯވާޑް ރޮމެލޫ ލުކާކޫއެވެ. އެކަމަކުގެ އޭގެ ބަރާބަރު ދިހަ މިނެޓް ފަހުން ސައުތު އެމެރިކާގެ ޗެމްޕިއަން ޕަލްމެއިރަސްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. ލިބުނު ޕެނަލްޓީއަކުން މިލަނޑު ކާމިޔާބު ކޮށްދިނީ ރަފޭލް ވެއިގާއެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.

ޗެލްސީ ކޮޅަށް ނަތީޖާ އެނބުރިގެން ދިޔައީ އިތުރަށް ކުޅުނު ފަނަރަ މިނެޓުގެ ދެހާފުގެ ތެރެއިން ދެވަނަ ހާފް ނިމެން އެންމެ ތިން މިނެޓަށް ވެފައި ވަނިކޮށް ހަވާޓްޒް ކާމިޔާބު ކުރި ޕެނަލްޓީއިންނެވެ. މިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެންޗެސްޓަރ ސިޓީ 0-1 އިން ބަލިކޮށް ޗެލްސީއިން ތަށި އުފުލާލީވެސް ހަވާޓްޒް ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑުންކަން ފާހަގަ ކޮށްލެވެއެވެ.

މެޗް ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ހަވާޓްޒް ޕެނަލްޓީ ކާމިޔާބު ކުރުމަށްފަހު އުފަލުން ދުވާއިރު އެހެން ކުޅުންތެރިން ފަހަތުން އަންނަނީ. ފޮޓޯ: ފީފާ.ކޮމް

މިއީ ދުނިޔޭގެ 6 ބައްރުގެ ޗެމްޕިއަނުން މެދުގައި ކުޅޭ ކްލަބް ވޯލްޑް ކަޕުގެ ތަށި ޔޫރަޕުގެ ޓީމުތަކުން ޖެހިޖެހިގެން ކާމިޔާބު ކުރި 9 ވަނަ ފަހަރެވެ.

ކްލަބް ވޯލްޑް ކަޕުގެ ތިންވަނަ މަގާމް މިފަހަރު ހޯދީ އޭޝިޔާގެ ޗެމްޕިއަން ސައުދީ އަރަބިއްޔާގެ އަލް-ހިލާލް 0-4 އިން ބަލިކޮށް އެފްރިކާގެ ޗެމްޕިއަން މިސްރުގެ އަލް-އަހްލީއެވެ.