ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކުރުމުގެ އަމުރެއް ސިވިލް ކޯޓުން ނެރެފިއެވެ.

ސިވިލް ކޯޓަށް ޖާބިރު ހާޒިރުކުރަނީ މާދަމާ ހެނދުނު 11:45 ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު ހައްޔަރު ކޮށްގެން ސިވިލް ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވަނީ އެކޯޓުގައި މާދަމާ އޮތް ޝަރީއަތުގެ މަޖިލީހަކަށެވެ.

އެއީ ޑީއާރުޕީން އެމްޓީސީސީއަށް ދައްކަން އޮތް އެއްމިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެމްޓީސީސީން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެމްޓީސީސީގެ ފަރާތުން ޑީއާރުޕީން ހޯދި ހިދުމަތްތަކަށް 1.1 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށްބުނެ އެފައިސާ ހޯދުމަށް އެމްޓީސީން ވަނީ ސިވިލްކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

މީގެކުރިންވެސް ރާއްޖެތެރޭ ރަށެއްގައި ހުންނަވަނިކޮށް ޖާބިރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އެފަހަރު މާގިނައިރުތަކެއް ނުވެ ވަނީ ދޫކޮށްލާފައެވެ.