ސޯޅަ ޕޮއިންޓް ނުވައެއް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެމަސައްކަތް ކުރައްވާ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެގޮތުން މުޅި މަޝްރޫޢުގެ 52 ޕަސެންޓް ނިމިފައިވާ ކަމަށް އެކުންފުނީން ވިދާޅުވިއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް 13 ފެބްރުއަރީ 2022 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެނެސްފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 270 މީޓަރުގެ ބޭރުތޮށިލުމަށް ހަމަޖެހިފައިވެއެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމަށް ވެސް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން އެރަށު ގިރާފައިވާ ސަރަހައްދަށް 12000 ކޮޑިމީޓަރުގެ ވެލި އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ގެންދަވަނީ ރާއްޖޭގެ އެތައް ރަށެއްގައި މިފަދަ އެތަކެއް މަސައްކަތެއް ކުރައްވަމުންނެވެ.