ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ މިޔުޒިކީ އަޑުން ހިއްސުތަކަށް ފިނިކަން ލިބި ރޫޙަށް ދިރުން ގެނެސްދެއެވެ. ގޮނޑުދޮށުގައި ހިނގާލުމަކީ ހިތަށް ހަމަޖެހުން ލިބޭ ކަމެކެވެ. ސިކުނޑި ތާޒާވާ ކަމެކެވެ. ޚިޔާލުތަކާއި ފިކުރުތަކުން ދުރުކޮށްދޭ ކަމެކެވެ. ނަފުސާނީ ދުޅަހެޔޮކަމުގެ އިތުރަށް ގޮނޑޮ ދޮށުގައި ހިނގުމުން މީހާގެ ހަށިގަނޑުގެ ވަނާތައް ރީތިކޮށްދެއެވެ.

ހިނގުމަކީ ހަށިގަނޑުން ސަރުބީ ވިރުވައިދޭ ކަމެއްކަން އެންމެންނަށްވެސް އެނގެއެވެ. އެހެންނަމަވެސް ޕޭމަންޓް ނުވަތަ ހަރުތަންތާނގައި ހިނގުމަށްވުރެ ގޮނޑުދޮށުގައި ހިނގުމުން ލިބޭ ފައިދާ ބޮޑުކަން އެނގޭ ހެއްޔެވެ؟ 2020 ވަނައަހަރު ހެދި ދިރާސާއަކުން އެނގުނުގޮތުގައި ހަރުތަންތާނގައި ހިނގުމުން ސަރުބީ ވިރުވައިދޭ މިންވަރަށްވުރެ ގޮނޑުދޮށުގައި ހިނގުމުން ސަރުބީ ވިރުވައިދޭ މިންވަރު ދެ ގުނަ އިތުރެވެ.

ސަރުބީ ވިރުވައިދިނުމުގެ އިތުރަށް ގޮނޑުދޮށުގައި ހިނގުމަކީ ހަށިގަނޑުގެ ބައްޓަން ރީތިކޮށްދޭ ކަމެކެވެ. އެއީ ގޮނޑުދޮށުގައި ހިނގާއިރު ހަށިގަނޑުގެ އެކި ބައިތަކަށް އަސަރުކުރާތީއެވެ. އެހެންކަމުގެ ގޮނޑުދޮށުގައި ހިނގާ މީހުންގެ އުނަގަނޑު ހިމަވެ މޭމަތި ރީތި ވެއެވެ.

ހަމަ އެހެންމެ ގޮނޑުދޮށުގައި ހިނގުމުން ހަށިގަނޑަށް ވިޓަމިން ޑީ ލިބެއެވެ. ހަމަށް ފައިދާ ކުރެއެވެ. މިގޮތުން ފައިތިލަ ދަށުގައި މަރުވެފައި ހުންނަ ހަމަށް ދިރުން ގެނެސްދެއެވެ. އަދި ފައިތިލަ ސާފުވެ ނިޔަފައްޗާއި ހަންގަޑު ރީތިކޮށްދެއެވެ. މީގެ އިތުރަށް ފައި ފެޅުމާއި ފައިތިލައާއި ފުންނާބުގައި ރެނދުލުމުން ދުރުކޮށްދެއެވެ. އެއީ ކޮންމެ ދުވަހަކު ގޮނޑު ދޮށުގައި ހުސްފަޔާ ހިނގުމުން ފައިތިލަ ހިރަފުހުން ސަލާމަތްކޮށްދީ ސާފުކޮށްދޭތީއެވެ.

ކަށީގެ މައްސަލަތައް ހުންނަމީހުން ގޮޑުދޮށުގައި ހިނގުމުން އެ ކަންކަމަށް ލުއި ލުއި ލިބެއެވެ. ބުރަކަށީ ރިހުމާއި ހުޅުހުޅުގައި ރިއްސުން ފަދަ ކަންތައްތަކަށް ލުއި ލިބެއެވެ. ޞިއްޙީ މާހިރުން ހާމަކުރާގޮތުގައި ހުސްފަޔާ ގޮނޑުދޮށުގައި ހިނގުމަކީ ރާއްޖެބައްޔަށް (އާތްރައިޑްސް) ވެސް ލިބޭ ފަރުވާއެކެވެ.

ގޮނޑުދޮށުގައި ހިނގުން ރަނގަޅީ އިރު އަރާވަގުތު އެވެ. ނުވަތަ ހަވީރުވެ، ހޫނުކަން ކުޑަވުމުންނެވެ. ސަބަބަކީ އިރު އަރާވަގުތުގައި އަވި އެހާ ގަދަ ނުވާނެތީއެވެ. އަދި އެވަގުތު އިރުން އެލިބޭ އަވިން ހަށިގަނޑަށް ފައިދާ ކުރާތީއެވެ. މެންދުރު އެންމެ އަވި ބާރު ގަޑީގައި ހިނގާނަމަ، ހަމަށާއި ހަށިގަނޑަށް ވެސް ލިބޭނީ ގެއްލުމެވެ. "ހީޓް އެޓޭކް" އަނބުރައިގަތުންފަދަ ކަންތައް ކުރިމަތިވުން އެކަށީގެން ވެއެވެ. މީގެ އިތުރަށް ގަދަ އަވީގައި އުޅުމަކީ ހަމުގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެކެވެ.

ގޮޑުދޮށުގައި ހިނގުމަކީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އެތައް ފައިދާތަކެއް ލިބިދޭކަމެކެވެ. ބުރުސޫރަ ރީތިކޮށްދޭކަމެކެވެ. އަޅުގަނޑުމެންގެ ވަށައިގެން މިވަނީ ރީތި ގޮނޑުދޮށްތަކެވެ. ވީމާ ޞީއްޙީ ގޮތުން މިހާ ބޮޑު ފައިދާތަކެއް ލިބޭ ކަމެއް ނުކުރަންވީ ސަބަބެއް ނެތެވެ. ޚާއްޞަކޮށް ކަށީގެ އެކި އެކި ބަލިތައް ތަޙައްމަލުކުރާ މީހުން ހިނގުން ރަނގަޅީ ގޮނޑުދޮށުގައެވެ. މި ގޮތަށް ހިނގާއިރު އެކުވެރިއެއް ނުވަތަ ބައިވެރިއަކާއެކު ހިނގުމަކީ އިތުރަށް ހިތްހަމަޖެހުން ލިބިދޭނެ ކަމެކެވެ.

މައުލޫމާތު: ހެލްތްލައިން ޑޮޓްކޮމް