ﷲނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއެކު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ފަހުމުނާމާއެއްގައި މިއަދު ސޮއި ކުރައްވައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވަނީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް ވަޒީފާއާ ގުޅުންހުރި މަސައްކަތްތަކަށް ލެވެލް 3 ގެ ސަނަދު ލިބިގެންދާ ތަމްރީނު ޕްރޮގުރާމްތަކެކެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީފެންވަރުގައި ހުޅުވާލުމަށް ހިންގާ ޚާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ދެ އަހަރު ދުވަހުގެ މުއްދަތަށް ދެމިގެންދާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރާ މީހުންނަށް ލިބިގެންދާނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓެވެ. މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާ އެއްގޮތަށް ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން، އަހަރަކު ޖުމްލަ 120 ޒުވާނުން ތަމްރީން ކުރެވޭނެއެވެ. މި އެއްބަސްވުމުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ތަމްރީން ޕްރޮގްރާމްތަކަކީ، ނޭޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ސުވެރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ޔުޓިލިޓީ ލެބޯޓަރީ ޓެކްނީޝަން ސަރވިސަސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓަރ ސަޕްލައި ސިސްޓަމްސް އޮޕަރޭޝަން އެންޑް މެއިންޓެނަންސް ކަމަށް ފެނަކައިން ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ޒުވާނުންނަށް ފަހިވެގެންދާ މިފުރުސަތުތަކަކީ ޒުވާނުންނަށް ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިޔުމަށް އެޅިގެންދާ ބިންގަލެކެވެ. އަދި ސެޓްފިކެޓް ލެވެލްގެ އިތުރު ކޯސްތަކަށް ދިޔުމަށް ޒުވާނުންނަށް ފުރުސަތު ފަހިވުމުގެ އިތުރަށް، މި ޕްރޮގްރާމްތަކުގެ ސަބަބުން ޒުވާނުންނަށް މަސައްކަތުގެ ދާއިރާއިން އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ލިބިގެންދާނެ ކަމަށް ފެނަކައިން ވިދާޅުވިއެވެ.

ފެނަކައަކީ ސަތޭކަ ޕަސެންޓް ދިވެހި މުވައްޒަފުންގެ މައްޗަށް ގާއިމްކުރެވިފައިވާ، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާ ހަމައަށް ދިވެހި ރައްޔިތުންނަށް ސާބިތުކަންމަތީގައި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.