ޔުއެފާ ޗެމްޕިއަންސް ލީގް ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑުގެ މައްޗަށް 0-1 އިން ޕީއެސްޖީ ކުރި ހޯދުމުން އެކްލަބުގެ ރައީސް ނަސީރް އަލް-ޚަލައިފީ މުޅި ޓީމަށް ތައުރީފް ކުރައްވައިފިއެވެ.
މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ފްރާންސްގެ ނުރައްކާތެރި ފޯވާޑް ކިލިއަން އެމްބައްޕޭއެވެ. އޭގެ ކުރިން އެޓީމަށް ޕެނަލްޓީއެއްވެސް ލިބުނެވެ. އެކަމަކު ލިއޮނަލް މެސީ ފޮނުވާލި މިޕެނަލްޓީ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ވަނީ ދިފާއު ކޮށްފައެވެ.
މަޝްހޫރު "ބީއިން މީޑިޔާ ގްރޫޕް" އާއި "ޤަތަރު ސްޕޯޓްސް އިންވެސްޓްމަންޓް" ގެ ޗެއާމަންކަންވެސް ކުރައްވަމުން އަންނަ އަލް ޚަލައިފީ ވިދާޅުވީ ރެއާލް މެޑްރިޑާ ދެކޮޅަށް ޕީއެސްޖީގެ ކުޅުންތެރިން ދެއްކީ ވަރަށް މޮޅު ކުޅުމެއް ކަމަށާއި މެޗް ފެށިގެން ނިމެން ދެން ރެއާލްގެ މައްޗަށް ޑޮމިނޭޓް ކުރީ ޕީއެސްޖީ ކަމަށެވެ.
"އަހަރެމެން މިކުޅުނީ ވަރަށް ވަރަށް ވަރަށް މޮޅު ގޭމެއް. ކުޅުންތެރިން ދައްކުވައިދީފި ޕީއެސްޖީއަކީ ވަރުގަދަ ޓީމެއްކަން. މުޅި މެޗް ކޮންޓްރޯލްކޮށްގެން މެޗް ފެށިގެން ނިމެންދެން ކުޅުނީ އަހަރެމެން. އަދި އަހަރެމެން ލަނޑުވެސް ޖެހިން. ޓީމާމެދު އަހަރެން ވަރަށް ފަހްރުވެރިވަން" ޚެލައިފީ ބުންޏެވެ.
"މިމެޗުގައި ފެނުނު ގޮތަށް ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުން އެކަތިގަނޑެއްގެ ގޮތުގައި ތިބުން ވަރަށް މުހިއްމު.ޖޯ އަހަރެމެން އެންމެން މިތިބީ އެއްބޯޓެއްގައި. މޮޅުވިޔަސް އެކަން ވާނީ ޓީމެއްގެ ގޮތުގައި އަދި ބަލިވާނީވެސް މުޅި ޓީމު އެއްކޮށް. އަހަރެންގެ ކުޅުންތެރިންނާއި އަހަރެންގެ ކޯޗާއި އަހަރެންގެ ސްޕޯޓިންގ ޑިރެކްޓަރާއި އަހަރެމެންގެ ހުރިހާ ސަޕޯޓަރުންނާމެދު ފަޚްރުވެރިވަން. އަހަރެމެން މިކުޅެނީ ހަމައެކަނި ޕެރިސްއަށްޓަކައެއް ނޫން. މުޅި ފްރާންސަށްޓަކައި" ވަރަށް ބޮޑަށް ޖޯޝުގައި ހުންނަވައި އަލް ޚެލައިފީ ވިދާޅުވިއެވެ.