މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރާނެ އުސޫލު އެކުލަވާލުމުގެ މަސައްކަތް މިވަގުތު ކުރަމުންދާކަމަށް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިތުރު ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައިވާ ގޮތަށް މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މިވަގުތު ކުރަމުންދަނީ ކޮން މަސައްކަތެއްތޯ ސުވާލު ކުރައްވާފައެވެ. ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ މިވަގުތު ކުރަމުންދަނީ އެކަމަށް ބޭނުންވާ އުސޫލު ޑްރާފްޓްކުރުމުގެ މަސައްކަތްކަމަށެވެ.
މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމާއި ގުޅޭ އުސޫލު މިވަގުތު އެކުލަވާލަމުން އަންނައިރު އަންނަ ހަފްތާގައި މާލެ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއެކު މަޝްވަރާކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތަށް އެކަން ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެކަން ރައީސް އިއުލާންކުރައްވާފައެވެ. އަދި މިމަސައްކަތް މިއަހަރުގެ ޖޫންގައި ފަށާނެކަމަށް ވިދާޅުވެފަވެއެވެ. ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2000 ގޯތި މާލޭގެ ރަށްވެހިންނަށް ދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިރިޔާސީ ދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް ބިން ކަނޑާ ގޯތީގެ ލިޔުން ދިނުމަށްފަހުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުގެ ޖުމްލަ 2180 ގެދޮރުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށްދާކަމަށެވެ. އަދި ގެދޮރުވެރިޔާ ލޯނުގެ ގޮތުގައި 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވަނީ ބޯހިޔާވަހިކަމާއި ގެދޮރުގެ މައްސަލަތަކަށް ހައްލު ހޯދައިދޭނެކަމަށް ތަފާތު ވައުދުތަކެއް ވެފައެވެ. އޭގެ ތެރޭގައި ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ނިމިގެންދާއިރު ބޯހިޔާވަހިކަން ނެތި އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށާއި ކުލި ދައްކަން ދަތިވާ އާއިލާތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވަނީ ފާހަގަކުރައްވާފައެވެ.