ޅަފަތުގެ ދުވަސްވަރު ކުދިންނަށް ހޯދައިދޭ ކުޅޭ ތަކެއްޗަކީ ގެއްލުން ނުވާނެ ތަކެތިކަން ބަލަން ޖެހެއެވެ. މިއީ ޓެކްނޮލޮޖީގެ ކުރިއެރުން ލިބިފައިފައިވާ ޒަމާނެކެވެ. ތަފާތު ބާވަތްތަކުގެ ކުޅޭތަކެތި ފަސޭހަކަމާއެކު ބާޒާރުން ލިބެން ހުންނަ ދުވަސްވަރެކެވެ. އެހެން ނަމަވެސް މި ތަކެތީގެ ތެރޭގައި ކުދިންގެ ފުރާނައަށް ނުރައްކާވާ ބާވަތްތައްވެސް ހުންނަކަން، މައިންބަފައިން ވިސްނަން ޖެހޭނެއެވެ.

ކުޑަ ކުދިންނަށް ހޯދައިދޭ ތަކެއްޗަކީ، އެކުދިންނަށް އެއިން ގެއްލުން ނުވާނެ ތަކެތިކަން ބަލާ ޔަގީން ކުރަން ޖެހެއެވެ. އެތަކެތި ތައްޔާރުކުރާމީހާ އުމުރުފުރާ ޖަހާލަފައި އޮތަސް އެފަދަ ތަކެތިން އެ އުމުރުފުރާތަކުގެ ކުދިންނަށްވެސް ލިބޭނެ ގެއްލުންތައް ހުރެއެވެ. ވީމާ، ހޯދައިދޭ ތަކެތި ކުދިން ގެންގުޅޭގޮތް ވަރަށް ގާތުން ބަލަން ޖެހެއެވެ.

ކުޑަކުދިންނަކީ ވަރަށް ގިނައިން އެއްޗިހި އަނގަޔަށް ލާކުދިންނެވެ. ހަމައެކަނި ތުއްތު ކުދީންނެއް ނޫނެވެ. ނުވަ އަހަރު، ދިހަ އަހަރު ކުދިންވެސް ގެންގުޅޭ ތަކެތި އަނގަޔަށްލައެވެ. ރާއްޖޭގައި ކުޑަ ކުދިން ކުޅޭ ތަކެތި ދިރުވާލއިގެން ބޮޑެތި އޮޕަރޭޝަންތައް ކުރަންޖެހިފައި އެބަހުއްޓެވެ. އެގޮތުން ހަ އަހަރުގެ ކުޑަ ކުއްޖަކު ކުޅެން ގެންގުޅުނު ލެގޯ ކޮޅެއް ދިރުވާލައިގެން 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމަކުން ބޮޑު އޮޕަރޭޝަނެއްކޮށްފައި ވެއެވެ. މި އޮޕަރޭޝަންގައި ކުއްޖާގެ ފުއްޕާމެއިން އެ އެތިކޮޅު ނަގައި ފުރާނަ ސަލާތް ކުރެވުނެވެ. މިއީ ނުރައްކާ ކަމެކެވެ.

ކުޑަކުދިން ކުޅެން ގެންގުޅޭ ތަކެތީގެ ތެރޭގައި ހިމެނޭ ބައެއް އެއްޗެހީގައި ހުންނަ ކުދި، ބެޓެރި އަކީވެސް ވަރަށް ނުރައްކާތެރި އެއްޗެކެވެ. މިފަދަ ކުދި ބެޓެރި، ހުންނަ ތަކެތީގެ ތެރޭގައި، ކުދިން ކުޅެން ގެންގުޅޭ ކާރު، ފޯނު، ރިމޯޓް، ގަޑި ފަދަ ތަކެތި ހިމެނެއެވެ. އަދި މިނޫނަސް ގޮށެއްހެން، ތުނުތުނިކޮށް، ބެޓެރި ހުންނަ ވަރަށް ގިނަ ތަކެތި ކުޑަކުދިންގެ އަތަށް ދެވެއެވެ. މިއީ ނުރައްކާ ބޮޑު ކަމެކެވެ. ކޮންމެވެސް ގޮތަކުން ނޭނގި އެބެޓެރި ނަގައި ދިރުވާލެވިއްޖެނަމަ، އެއީ ފުރާނަ ގެއްލިދާފަދަ ކަމެކެވެ. މިދިޔަ އަހަރު ޑިސެންބަރު މަހު ފަހުކޮޅު އިނގިރޭސިވިލާތުގެ އުތުރު ލޭންކްޝެއާގައި ދިރިއުޅޭ އާއިލާއެއްގެ 17 މަހު، ކުއްޖަކު މަރުވީ ކުޅޭ އެއްޗެއްގައި އޮތް ބެޓެރިއެއް ދިރިގެނެވެ.

މި ތުއްތު ކުއްޖާގެ މައިންބަފައިންނަށް ފެނުނީ ކުއްޖާ އުޑުތިލަ އަށް އޮވެ، ނޭވާލާން އުނދަގޫވެގެން އުޅެނިކޮށެވެ. އޭރު ކުއްޖާގެ ގައިގެ ކުލަވެސް ވަނީ ބަދަލުވެފަ އެވެ. ދަތް ފަޅާއިރު، ކުދިން އަނގަޔަށް ލުމަށް ތައްޔާރުކޮށްފައިވާ އެއްޗެއްގައިވާ " ބަޓަން ބެޓެރި" އެއް ދިރުވުނުކަން އެކުއްޖާގެ މައިންބަފައިންނަށް އެނގުނީ ކުއްޖާހޮސްޕިޓަލަށް ގެންގޮސް ހެދި ޓެސްޓު ތަކުންނެވެ. ބެޓެރި ތާށި ވެފައި އޮތީ ކުއްޖާގެ ތަކެތި ދާ، ހޮޅީގައެވެ. އޮޕަރޭޝަން ކުރަން ފެށި ތަނާ ކުއްޖާގެ ގުނަވަންތަކުގެ މަސައްކަތް ހުއްޓެން ފެށިއެވެ. މި ތުއްތު ފުރާނަ ދުނިޔެއާއި ވަކިވެ ދިޔަީ ކުޑަ ވަގުތުކޮޅެއްގެތެރޭގަ އެވެ.

ހަމަ އެކަނި ބަޓަން ބެޓެރި އަދި ލެގޯ އެއް ނޫނެވެ. މިފަދަ ނުރައްކާތެރި ކިތަންމެ އެއްޗެއް ކުޑަކުދިން ކުޅެން ދެވެއެވެ. މިނޫނަސް ގޭގައި އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތީގެ ތެރޭގައިވެސް ކުޑަ ކުދިންނަށް ގެއްލުންވާނެ ތަކެތި ހުރެއެވެ. އެހެންކަމުން ކުޑަކުދިން އަތަށް ދެވޭ ތަކެއްޗާމެދު ވަރަށް ބޮޑަށް ސަމާލުވާންޖެހެ އެވެ. އެއީ އެކުދިންނަށް ރައްކާތެރި ތަކެތިތޯ ބެލުމަކީ މައިންބަފައިނާއި ބެލެނިވެރިންގެ ޒިންމާއެކެވެ.