ތިން ރަށެއްގައި އެމްޓީސީސީން ހިންގަމުން ގެންދަވާ ތަރައްގީގެ މަޝްރޫއުތަކާބެހޭ ފަހުގެ މައުލޫމާތު އެމްޓީސީސީން ހާމަކުރައްވައިފިއެވެ. އެ ތިން ރަށަކީ މ. ކޮޅުފުށްޓާއި، ރ. ދުވާފަރާއި ހއ. ހޯރަފުށްޓެވެ.

ކޮޅުފުށި

ކޮޅުފުށީގައި އެމްޓީސީން ހިންގާ މަޝްރޫއަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެވެ. އެ މަސައްކަތުގެ ދަށުން ފަތާ ސަރަޙައްދުގެ ޑްރެޖިންގ މަސައްކަތްތަކުގެ 58 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެތަނުން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، 9683 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އަަދި 202 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން 519 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 22.9 މިލިއަން ރުފިޔާގެ މަޝްރޫއެޖެވެ.

ދުވާފަރު

ދުވާފަރުގައި އެމްޓީސީސީން ހިންގަވަނީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެކެވެ. އެމަސައްކަތް އެކުންފުނީން ކޮށްދެއްވަނީ 143.1 މިލިއަން ރުފިޔާއަށެވެ. އެމަސައްކަތުގެ 50 ޕަސެންޓް މިހާރު ވަނީ ނިމިފައެވެ. މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެނެސްފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 22.2 ހެކްޓަރުގެ ބިން ހިއްކުމާއި، 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 315 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

ހޯރަފުށި

ހއ. ހޯރަފުށީގައި އެމްޓީސީސީން ހިންގަވަމުން ގެންދަވަނީ މަގުހެދުމުގެ މަޝްރޫޢެކެވެ. މި މަޝްރޫގެ އަގަކީ 71.90 މިލިއަން ރުފިޔާއެވެ. މި މަސައްކަތުގެ ދަށުން، ކާސްޓިންގ މަސައްކަތްތަކުގެ 74 ޕަސެންޓް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތާއި ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުމާއި، 11،114 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.