ގދ.މަޑަވެލި-ހޯޑެއްދޫ ސެންޓްރަލް ޕަވަރ ހައުސް އިމާރާތް ކުރުމުގެ މަސައްކަތްތަކަށް ބޭނުންވާނޭ ލޭބަރު ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން އިއުލާން ކުރައްވައިފިއެވެ. އެކުންފުނީން ކުރައްވާފައިވާ އިއުލާނުގައިވާ ގޮތުން އެ މަސައްކަތަށް މީހުން ހޯދަނީ ކޮންޓްރެކްޓް އުސީލުން، ހަތަރު މަހަށް ކަމަށެވެ.

އެ މަސައްކަތަށް ބޭނުންވަނީ 40 މީހުންނެވެ. އެއީ ސްކިލްޑް މީހުންނާއި އަން ސްކިލްޑް މީހުންނެވެ. ސްކިލްޑް މީހަކަށް މަހު މުސާރައިގެ ގޮތުގައި 5550 ރުފިޔާ ލިބޭނެއެވެ. އޭގެއިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ 45 ޕަސެންޓު ލިބޭނެއެވެ. ހާޒިރީ އެލަވަންސަށް މުސާރައިގެން 35 ޕަސެންޓް މަހަކު ލިބޭނެއެވެ. އިތުރުގަޑީގެ އެލަވަންސްގެ ގޮތުގައި ލިބޭނީ މުސާރައިގެން 20 ޕަސެންޓެވެ. މި މަގާމަށް ބޭނުންވަނީ 20 މީހުންނެވެ. މި މަގާމަށް ކުރިމަތިލެވޭ މީހުންގެ ފެންވަރު ނުވަތަ ޝަރުތަކީ:

  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ސިއްހަތު ރަނގަޅު ބުރަ މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • ބައެއް ހާލަތްތަކުގައި ރޭގަނޑުގެ ވަގުތުތަކުގައާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.

ނޮންސްކިލްޑް ލޭބަރުންގެ ވެސް 20 މީހުން ބޭނުންވާ ކަމަށް އެކުންފުނީން ވިދާޅުވެފައިވެއެވެ. ނޮން ސްކިލްޑް ލޭބަރެއްގެ މަހު މުސާރައަކީ 4650 ރުފިޔާއެވެ. އޭގެއިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ 45 ޕަސެންޓު ލިބޭނެއެވެ. ހާޒިރީ އެލަވަންސަށް މުސާރައިގެން 35 ޕަސެންޓް މަހަކު ލިބޭނެއެވެ. އިތުރުގަޑީގެ އެލަވަންސްގެ ގޮތުގައި ލިބޭނީ މުސާރައިގެން 20 ޕަސެންޓެވެ. ފެންވަރު ނުވަތަ ޝަރުތަކީ ސިއްޙަތު ސަލާމަތުން ހުރުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅުމެވެ.

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް ފެނަކައިގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގދ. މަޑަވެލި އަދި ގދ. ހޯޑެއްދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 – 15:00 އަށް ލިބެން ހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާނެ ކަަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

"ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ފެބްރުއަރީ 22 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،) ނުވަތަ އީމެއިލްއަށް ނުވަތަ ގދ.މަޑަވެލި އަދި ގދ.ހޯޑެއްދޫ ބްރާންޗަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުމަށް ފެނަކައިން އެދިވަޑައިގަންނަވައެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ކުރުމަށް ފެނަކައިން އެދިވަޑައިގެންފައި ވެއެވެ.