ފްރާންސްގެ މީޑިޔާއިން ދަނީ ލިއޮނަލް މެސީ ކަތިލަމުން ކަމަށާއި އެކަން ކުރަމުން ދަނީ ފުޓްބޯޅައިގެ ތަނެއް ދޮރެއް ނުދަންނަ ފަރާތްތަކަކުން ކަމަށް ބުނެ ފްރާންސްގެ މީޑިޔާ ތަކަށް ސާޖިއޯ އަގުއޭރޯ ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.
މެސީއާއެކު އާޖެންޓީނާ ގައުމީ ޓީމުގައި ގިނަ ދުވަސްތަކެއް ހޭދަކުރި އަގުއޭރޯގެ ފާޑު ކިޔުން ފްރާންސްގެ މީޑިޔާތަކަށް އަމާޒު ކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗަށްފަހު ފްރާންސްގެ ގައުމީ ޓީމާއި ޕީއެސްޖީގެ ކުރީގެ ވިންގަރ ޖެރޮމީ ރޮތެން މެސީއަށް ފާޑު ކިޔުމުންނެވެ.
މެސީއަށް ފާޑު ކިޔަމުން ރޮތެން ބުނީ މެސީގެ ސަބަބުން ޕީއެސްޖީއަށް ދަނޑު މަތީގައި އެއްވެސް ފައިދާއެއް ނުވާ ކަމަށެވެ. "މެސީ ހުރުމުން ޕީއެސްޖީއަށް ފައިދާ ވަނީ ހަމައެކަނި މާލީ ގޮތުން" ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަމުން ރޮތެން ބުންޏެވެ.
ރޮތެންގެ އިތުރުން ފްރާންސްގެ މަޝްހޫރު ކުޅިވަރު ނޫސް "އެލް-އެކްއިޕް" އިން ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗަށްފަހު ކުޅުންތެރިންނަށް ރޭޓިން ދިންއިރު މެސީއަށް ދީފައި ވަނީ ދިހައަކުން ތިނެކެވެ. މުޅި މެޗަށް ބަލާއިރު ރެއާލް މެޑްރިޑުގެ ހުރިހާ ކުޅުންތެރިން ވެގެން އުފެއްދި ހަމަލާތަކާއި ތަނަވަސް ކުރި ފުރުސަތުތަކަށް ވުރެ މެސީ އެކަނި ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމަލާތަކާއި އުފެއްދި ފުރުސަތުތައް ގިނައެވެ. އެކަމަކު ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ އާއި ފޯވާޑް ވިނީޝިއަސް ޖޫނިއަރ އާއި މޮޑްރިޗާއި ޓޯނީ ކްރޫސްއަށް ވަނީ މެސީއަށްވުރެ މަތިން ރޭޓިންގ ދީފައެވެ.
މިކަންކަމަށް ފާޑު ކިޔަމުން އަގުއޭރޯ ބުނީ ރެއާލް މެޑްރިޑް މެޗުގައި މެސީ އަތުން ޕެނަލްޓީ ނާކާމިޔާބު ވިނަމަވެސް މުޅި މެޗަށް ބަލާއިރު މެސީގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށެވެ. "ފްރާންސްގެ މެގަޒިންތަކާއި ނޫސްތަކުން މެސީ މަރާލައިފި. އެއީ ތަނެއް ދޮރެއް ނުދަންނަ ބައެއް. ފްރާންސްގެ މެގަޒިންއަކަށް އަހަރެން ދޭން އޮތް އިންޓަވިއުއެއްވެސް މިކަމާ ގުޅިގެން ކެންސަލް ކޮށްފިން. އެއީ މެސީއަށް އަހަރެން ކުރާ ތާއީދުގެ ސަބަބުން. ޕީއެސްޖީއަށް މެސީ ހޭނުމަށް ހޭދަކުރަމުންދާ ވަގުތަށް ތާއިދު ކުރުމުގެ ގޮތުން" މިދިޔަ ހޫނު މުސޫމުގެ ޓްރާންސްފާގައި ބާސެލޯނާއަށް ބަދަލުވި ނަމަވެސް ހިތަށް ދިމާވި ސިއްހީ މައްސަލަކާއި ގުޅިގެން މިހާރު ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވާ އަގުއޭރޯ ބުންޏެވެ.