ގިނަ މީހުން މޫދަށް އެރެނީ ހިތްހަމަޖައްސާލުމަށެވެ. ހަށިގަނޑަށް ކަސްރަތު ހޯދައިދިނުމަށެވެ. ނުވަތަވަސްކަން ފިލުވާލުމަށެވެ. އެއީ މޫދަށް އެރި ފަތާލުމުން ސިކުނޑި ތާޒާ ކޮށްދޭތީ އެވެ. މީހާގެ ހަށިގަނޑަށް އަރާމާއި ލުއި ލިބޭތީއެވެ.

ބައެއް ބަލިތަކުން ރައްކާތެރިކަން ހޯދުމަށް މޫދަށް އެރުމަށް ޑޮކްޓަރުން އިރުޝާދުދެ އެވެ. މޫދަށް އެރެންވީގަޑިތަކާއި މޫދުގައި ހޭދަކުރަންވީ ކިހާ ވަގުތެއްކަންވެސް ޑޮކްޓަރުން ލިޔެފައި ދެއެވެ. މިގޮތުން މޫދުން ހޯދާ ފަރުވާއަށް ކިޔަނީ "ތެލަސަތެރަޕީ" އެވެ. 1769 ވަނަ އަހަރު އިނގެރޭސި ވިލާތުގެ މަޝްހޫރު ޑޮކްޓަރެއްކަމުގައިވާ ރިޗަޑް ރުސުލް ލިޔުނު "ދިސީސް އޮފް ދަ ލޭންޑް" ގައި ވަނީ މޫދަށް އެރުމުން ގިނަބަލިތަކުން ދިފާއު ވެވޭނެ ކަމަށެވެ. އެގޮތުން ލެޕްރަސީ، ހުންކޮށި ދުޅަވުން، އަދި ހަމުގެ ތަފާތު ބަލިތަކުން ރައްކާތެރިވެވޭނެ ކަމަށް މި ފޮތުގައި ވެއެވެ.

އަޅުގަނޑުމެން ދަތުރުފަތުރު ކުރަން ޖެހިފައިވަނީ މާ، ކަނޑުތަކުގައެވެ. މޫދުގައެވެ. އެހެންކަމުން ކުދިންނަށް ކުޑައިރުއްސުރެ މޫދަށް އެރުވައި ފަތަން ދަސްކޮށްދޭން ޖެހެއެވެ. އެއީ މިރާއްޖޭގައި ކަނޑުމަތީގެ ހިތާމަވެރި އެތައް ކާރިސާތަކެއް ހިނގާފައިވާތީ އެވެ. ކުޑަކުދީންނަށްވެސް ފަތަން ދަސްކޮށްދޭން ރަނގަޅީ މޫދުގެ ލޮނެވެ. އެންމެ ކުޑައިރުވެސް ފަތަން ދަސްކޮށްދޭނަމަ، މޫދަށް އެރުވުމުން ދަސްވާލެއް އަވަސްވެއެވެ.

މޫދަށް އެރުމުން ހަށިގަނޑަށް މިނަރަލްސް ލިބެއެވެ. މަސްގަނޑަށް އަރާމު ލިބި، ހަމަޖެހުން ލިބެއެވެ. ބުންވަރުގަދަވެ ހަކަތަ އިތުރުވެއެވެ. މޫދުގައި ފަތާ، ފީނުމަށް، ސާފު ފެނަށްވުރެ ހަށިގަނޑަށް ލުއިކަން ލިބެއެވެ.

އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެއްބަޔަކީ މޫދެވެ. ދިރިއުޅޭ ފަސްގަނޑަށްވުރެ އެތައް ގުނައެއް ބޮޑީވެސް ވަށައިގެންވާ ކަނޑާއި މޫދެވެ. އެހެންކަމުން ޞިއްޙީ ގޮތުން ލިބޭ ފައިދާއަށް ޓަކައިވެސް މޫދަށް އެރުމަކީ އާންމު ދިރިއުޅުމުގެ ބައެއްކަމުގައި ހަދަން ޖެހެއެވެ.