މިއަހަރުގެ ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ. ޓީޓީއެމް މޯލްޑިވްސް ވާޗުއަލްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޓްރެވެލް ޓްރޭޑް ފެއަރއެވެ. މި ފެއަރ ކުރިއަށްދާނީ މި ހިނގާ ނޮވެމްބަރު 24 އިން 26 ގެ ނިޔަލަށެވެ.

ޓީޓީއެމް މޯލްޑިވްސް ވާޗުއަލްގެ މެއިން ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސަވައި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ އެކްޓިން ޗީފް އެގްޒެކެޓިވް އޮފިސަރ ހުސައިން ނިޔާޒްއެވެ. އަދި އޯރކާ މީޑިއާ ގުރޫޕްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރު ކަމަށް އުރީދޫން ވިދާޅުވެފައިވެއެވެ.

މި އެއްބަސްވުމާއިއެކު އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ ފަތުރުވެރިކަމަށް އެހީތެރިވެދޭނެ ކަމަަށް އެކުންފުނީން ވިދާޅުވެފައިވެއެވެ. އުރީދޫ މޯލްޑިވްސްއިން ވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ޑެސްޓިނޭޝަން މާކެޓިންގ ކެންޕެއިނެއްވެސް ލޯންޗްކޮށްފައެވެ. މި ކެންޕެއިންގެ ތެރެއިން އުރީދޫގެ އަމާޒަކީ ދުނިޔޭގެ 10 ގައުމަކުން 117 މިލިއަން މީހުންނާއި ހަމައަށް ވާސިލްވެ ރާއްޖެ ޕްރޮމޯޓްކުރުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޓީޓީއެމް ފެއަރއަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ފެއަރއެވެ. މި ފެއަރގައި 150 ރިސޯޓް އަދި ހޮޓެލްއާ 200 އޮޕަރޭޓަރުން ބައިވެރިވާނެއެވެ. މިއީ ޓީޓީއެމް މޯލްޑިވްސް ބާއްވާ 4 ވަނަ ފަހަރެވެ.

ޓީޓީއެމްގައި ބައިވެރިވާ ފަރާތްތަކަށް ޓީޓީއެމް ޓްރެވެލް ސަމިޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބި، ޓީޓީއެމްގެ މެގަޒިންގައި ހިމެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އިނގިރޭސި ބަހުން ނެރޭ ޓީޓީއެމް މެގަޒިންއަކީ ބައިނަލްއަޤްވާމީ އެކި ފެއަރތަކުގައިވެސް ރާއްޖެ ޕްރޮމޯޓްކުރުމަށް ބަހާނެ މެގަޒިނެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޓީޓީއެމްގައި ބައިވެރިވާ އެގްޒެބިޓަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވެސް އުރީދޫން ވިދާޅުވެފައިވެއެވެ. އޭގެތެރޭގައި "ކަނެކްޓް" ސޮޕްޓްވެއަރ ބޭނުންކުރުމުގެ ފުރުސަތު ހިމެނެއެވެ. މި ސޮފްޓްވެއަރ މެދުވެރިކޮށް ކުރިއާލާ ބައްދަލުވުންތައް ހަމަޖައްސައި ބޭއްވުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެއިތުރުންވެސް އެގްޒަބިޓަރުންނަށް އިވެންޓްގެ ތެރެއިން ކޮފީ، ސައި އަދި އެކި ބާވަތުގެ ބުއިންތައް ލިބިގެންދާނެއެވެ. އަދި ޓީޓީއެމް ހަރަކާތްތައް ނިންމާލާ ގާލާ އިވެންޓަށްވެސް ދައުވަތު ލިބިގެންދާނެ ކަމަށް ވެސް އުރީދޫން ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ޓީޓީއެމް ޓްރެވެލް ސަމިޓް އޮންނާނީ މިމަހުގެ 24 ގައެވެ. އަދި ޓީޓީއެމް މޯލްޑިވްސް އޮންނާނީ މިމަހުގެ 25 އިން 26 އަށެވެ. ޓްރެވެލް ޓްރޭޑް މޯލްޑިވްސްއަކީ އޯރކާ މީޑިއާ ގްރޫޕުން ކުރިއަށްގެންދާ ހަރަކާތެކެވެ. އޯރކާ މީޑިއާ ގުރޫޕަކީ ރާއްޖޭގެ މީޑިއާ އަދި މާކެޓިންގ ގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެކެވެ.