ޙަސަން ވެލާނާ މަނިކުފާނަކީ 19 ވަނަ ޤަރުނުގައި ރާއްޖޭގައި އުފެދުނު އެންމެ ކުލަގަދަ އެއް ޝަޚުސިއްތެވެ. އޭނާގެ ދަރިފަސްކޮޅަކީ 20 ވަނަ ޤަރުނުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ވިދާލި ޚާންދާނެކެވެ. އޭނާއަކީ ޙަޟުރުމަވްތުގެ ސައްޔިދު ބާޣްލަވީގެ ކޯލާޑީ ސައްޔިދު ހޮޅިނަޚާގެ ފަސްމަންދޫ ހަކުރުތަކުރުފާނުގެ ޙަސަން ހޮޅި ހަކުރާ މަނިކުފާނުގެ ވީރު އިބުރާހީމް ދީދީގެ ވީރު ޙަސަން ދީދީގެ ޢަލީ މަލިން މަނިކުފާނުގެ މަލިންގޭ ޙަސަން ދީދީއެވެ.

ޙަސަން ދީދީ ދުނިޔެއަށް އުފަންވީ މުޢީނުއްދީން 1 ގެ ރަސްކަމުގެ ފަހުކޮޅުގައި 1834 ގައެވެ. އޭނާ ވަރަށް ހަގު އުމުރުފުޅެއްގައި ބޭރު ދަތުރުކުރައްވަން ފެއްޓެވިއެވެ. އެ ދަތުރުތަކުން އުރުދޫބަހާއި ބަންގާޅީބަހާއި އަދި ފުދޭވަރަކަށް އިނގިރޭސި ބަސް އުނގެނިވަޑައި ގެންނެވިއެވެ. މިގެ އިތުރަށް ހަކީމީ ބޭސްވެރިކަމާއި ނިޔަމިކަމާއި ހެވިކަން ވެސް ދަސްކުރެއްވިއެވެ.ވެލާނާމަނިކުފާނު ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ ބަންޑާރަ ނެވިކަމުގެ މަޤާމުންނެވެ. އެއީ ކުޑަ ބަންޑާރައިން (1886 އިން 1888 އަށް) ގެ ދައުރުން ފެށިގެންނެވެ. 1887 ގައި އޭނާއަށް ވެލާނާކަން ލިބިވަޑައިގަތެވެ. އޭނާ އެ މަޤާމުގައި ޝަމްސުއްދީނު 3 ރަދުންގެ ރަސްކަމުން ދެވަނަ އަހަރާ ޖެހެންދެން ހުންނެވިއެވެ. ހާޖީ އިމާދުއްދީނުގެ ރަސްކަމާ ޖެހެންދެން އޭނާ ބެލެވުނީ އަތިރީގޭ އާއިލާގެ ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް ހާޖީ އިމާދުއްދީނުގެ ރަސްކަމުގައި ދައުލަތުގެ މަތީ މަޤާމުތަކެއް ފުރުއްވުމާ ގުޅިގެން އޭނާއަކީ އެއްގަމުގޭ އާއިލާގެ ވާގިވެރިއަކަށް ވެދާނެ ކަމަށް ބެލެވުނެވެ. ނަތީޖާއެއްގެ ގޮތުން ޝަމްސުއްދީނުގެ ރަސްކަމުގައި އޭނާއަށް ޖެހުނީ ވެރިކަމާ ދުރުގައި ހުންނަވާށެވެ.

ވެލާނާ މަނިކުފާނު 4 ބޭފުޅަކާ ކައިވެނި ކުރެއްވިއެވެ. އޭގެ ތެރެއިން އެއް ބޭކަނބަލަކީ ބަންގާޅީއެކެވެ. ވެލާނާ މަނިކުފާނަށް ބޭފުޅުން ލިބި އާއިލާ ބޮޑަށް އޮތީ އެސްޖެހި ގަނޑުވަރު ސައްޔިދު މާފަތް ކިލެގެފާނުގެ ސިއްތިގެ ބަނޑުފުޅުންނެވެ. އެ ބަނޑަށް ލިބި ވަޑައިގަތީ ތުއްތުދީދީއާއި މުޙައްމަދު ދީދީއާއި ޅަދީދީއެވެ.

ޙަސަން ވެލާނާ މަނިކުފާނުގެ މުހިންމު ފިރިހެން ދަރިކޮޅު އަސްފައިވަނީ މުޙައްމަދު ދީދީގެ ފަރާތުންނެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންނަކީ ނާއިބު ރައީސް އިބުރާހީމް މުޙައްމަދު ދީދީއާއި ރައީސް އިބުރާހީމް ނާސިރާއި ބޮޑުވަޒީރު އަޙުމަދު ޒަކީއާއި ބައެއް ވަޒީރުންގެ އިތުރަށް ހައި ކޮމިޝަނަރ ފަރަހަނާޒް ފައިސަލްއެވެ.

ޝަމްސުއްދީން 3 ގެ ރަސްކަމުގައި ވެލާނާ މަނިކުފާނު ދިރި އުޅުއްވުން ސިލޯނަށް ބަދަލުކުރެއްވިއެވެ. 1906 ގައި އޭނާ ކޮޅުނބުގެ ހޮސްޕިޓަލެއްގައި އަވަހާރަވެ ފަސްދާނު ލެވިފައިވަނީ ޕަންޗިކަވައްތޭގެ ޤަބުރުސްތާނުގައެވެ.