ތިން ވަޢުދަކާއެކު 2022 ވަނަ އަހަރުގެ ގްލޯބަލް ޑިސެބިލިޓީ ސަމިޓްގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.

ދިވެހިރާއްޖޭގައި ދިރުއުޅޭ ނުކުޅެދުންތެރިކަން ހުންނަ އެންމެހާ ފަރާތްތަކުގެ ޙައްގުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވައުދެއްވެވަޑައިގެންނެވީ އިޖުތިމާއީ ރައްކާތެރިކަން އެންމެނަށް ޙާޞިލުވުމަށް މަގުފަހިވާނެގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ އިޖުތިމާޢީ ރައްކާތެރިކަމުގެ ސްކީމްތައް މިހާރަށްވުރެ ފަސޭހަކަމާއެކު އެފަރާތްތަކަށް ވާޞިލުވެވޭގޮތަށް ފޯރުކޮށްދިނުމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިގުތިޞާދީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުލިބޭގޮތަށް އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.

އިންޓަރނޭޝަނަލް ޑިސެބިލިޓީ އެލަޔަންސް (އައި.ޑީ.އޭ) އަދި ނޯރވޭގެ ސަރުކާރުން ގާނާގެ ސަރުކާރާ ގުޅިގެން މި ސަމިޓް ބާއްވާފައި ވަނީ 16-17 ފެބުރުވަރީ 2022 ގައި ވަރޗުއަލްކޮށެވެ.

މި ސަމިޓްގެ މަޤްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކުގެ ބައިނަލްއަޤުވާމީ މުޢާހަދާ (ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސެބިލިޓީސް) ގައިވާ ކަންކަން އިތުރަށް ތަންފީޒުކުރުމުގެ މަސައްކަތަށް ޢަމަލީ ސިފައެއް ގެނެއުމެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި މި ސަމިޓްގެ ބައިވެރިން ވަނީ އެކި ވައުދުވެފައެވެ. މިގޮތުން 171 ފަރާތަކުން ޖުމްލަ 968 ވައުދެއް ވެފައިވެއެވެ.