އެއް އާއިލާއަކަށް އުފަން، އެއް، ދެމަފިރިއެއްގެ ތަފާތު މިޒާޖުގެ ދަރިންތަކެއް ތިބެދާނެއެވެ. ބައެއްކުދިންނަކީ ވަރަށް ހިތްވަރުގަދަ ކުދީންނަށް ވާއިރު އަނެއްބައި ކުދިންނަކީ ކަންކަމާ އަވަހަށް އަސަރުކުރާ ހިތް ބަލި ކުދިންކަމުގައި ވެދާނެއެވެ. އެހެން ކަމުން ކުދިން ތަރިބިއްޔަތު ކުރުމުގައި އެކުދިންގެ މިޒާޖާއި ޖަޒުބާތު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދުނިޔެއަށް އުފަންވާއިރުވެސް ކަންކަމާ މާ ބޮޑަށް އަސަރުކުރާ ކުދިން ތިބެއެވެ. މިކުދިންނަށް އެހެންކުދިންނަށްވުރެ ތަދާއި އުފލާއި ހިތާމަ، ލޯތްބާއި ހިތާމަ ފަދަ ޖަޒުބާތުތަކުން މާބޮޑަށް އަސަރުކުރެއެވެ. މިކުދިންގެ ޖަޒުބާތުތައް ހިފެހެއްޓުމަށް، މިހާރުގެ ބަހުންނަމަ، ކޮންޓްރޯލް ކުރުމަށް ދަތިވެއެވެ.

މިފަދަ ބައެއް ކުދިންނަށް ބައެއްކަހަލަ ފޭރާމާއި އިސްޓާކީނު ފަދަ ތަކެތިން ކަށި އަޅާކަމަށް އިހުސާސް ކުރެވެއެވެ. އަދި ދިރިއުޅޭ މާހައުލަށް އަންނަ ބަދަލުންވެސް އެކުދިންނަށް އަސަރު ކުރާނެއެވެ. ހަމައެހެންމެ މީހުން ކުރާ ހިތާމަތައް އަވަހަށް ދެނެގަނެއެވެ. އަދި މިކުދިން ދިރިއުޅުމާމެދު މާ ބޮޑަށް ވިސްނާ ފިކުރުކުރާނެއެވެ. ވަރަށް ބޮޑެތި ސުވާލުކުރާނެއެވެ. މިފަދަ ކުދިންނަށް އަޑުގަދަ މާހައުލު ރަނގަޅު ނުވެދާނެއެވެ. އަދި ގިނަވަގުތު ކުޅުމުގައި ހޭދަ ކުރަން ބޭނުންނުވެދާނެއެވެ.

ކަންކަމާ އަވަހަށް އަސަރުކުރާކުދިންގެ ބެލެނިވެރިންވާންވާނީ އެކުދިންގެ ހިތްވަރުކަމުގައެވެ. އެކުދިންގެ ސަޕޯޓަރުންކަމުގައެވެ. " ދަ ސްޓޮރޯންގް ސެންސިޓިވް ބޯޢީ " ފޮތުގައި ޓެޑް ޒެފް ބުނެފައިވަނީ ކަންކަމާ އަވަހަށް އަސަރުކުރާ ފިރިހެންކުދިން (އެހެން ފިރިހެންކުދިން) އާންމުކޮށް ނޫޅޭގޮތަށް އުޅޭނަމަ، އެކުދިންނާ ދިމާކޮށް މަލާމަތްކޮށް ހަދައެވެ. މިގޮތުން އެކުދިންނަށް ފަސޭހައިން ރޮވޭތީ ފިރިހެންކުދިންނެއް ނުރޯނޭ، ރޯނީ ފިރިހެންކުދިންނެއް ނޫނޭ، ބުނެ ފުރައްސާރަ ކުރެއެވެ. އެކީގައި އުޅޭ ކުދިންނާއި ޓީޗަރުންނާއި ކޯޗުންގެ ފަރާތުން ނުރަނގަޅު މެސެޖު ލިބެއެވެ. އޭނާގެ ކިބައިގައި ނުރަނގަޅު ސިފައެއް ހުރިކަމަށް އިހުސާސްކޮށްދެއެވެ. ގިނަ މުޖުތަމަޢު ޤަބޫލުކުރާގޮތުގައި ފިރިހެންކުދިންނެއް ނުރޯނެއެވެ. ފިރިހެންކުދިންނަކީ ހިތްވަރުގަދަ ބައެކެވެ. ރޯނީ ފިޑިންނެވެ. އެހެންކަމުން ކަންކަމަށް ފަސޭހައިން އަސަރުކުރާ ކުދިންނަށް މުޖުތަމަޢުގައި އުޅެން އުނދަގޫވެއެވެ.

މިފަދަ ކުދިން ދެނެގަނެ އެކުދިންނަށް ރަނގަޅު މާހައުލެއް ހޯދައިދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. އެގޮތުން އެކުދިން ދިރިއުޅޭ މާހައުލަކީ ކުދިންނަށް ފަހި މާހައުލެއްތޯ ބެލެނިވެރިން ޔަޤީންކުރަންޖެހެއެވެ. އާއިލާއާއި ތިމާގެ ކުދިންގެފަރާތުން އެކުދިން ހިތްދަތިވާފަދަ ކަންތައްތައް، ނުވާ ތަނަކަށް ވޭތޯ ބަލަންޖެހެއެވެ. އެއީ އެކުދިންގެ އިހުސާސްތައް ދެނެގަނެ ގަނާ ނުކުރާ ބަޔަކު އުޅޭ ގެއަކަށް ހަދަންޖެހެއެވެ. ވަނަންކިޔާ އެކަހެރި ކުރުމުގެ ބަދަލުގައި ލޯތްބާއި އަޅާލުމާއި އިޙުތިރާމާއި ޤަދަރު ކުރާ މާހައުލެއްކަމަށް ވާންޖެހެއެވެ. މިފަދަ މާހައުލަކަށް ދިރިއުޅޭ ގެ ހެދޭނީ ކުދިންނަށް ވަގުތު ދީގެނެވެ. އާއިލާގެތެރޭގައި އެއްބައިވަންތަކަން އޮވެގެނެވެ. އެއް މޭޒެއްދޮށުގައި އެކީގައި ކައި ހެދުމުންނެވެ. ކުދިންނާއެކު ކުޅެ ދީނީ އަޅުކަންތަކުގައިވެސް ކުދިންނާއި މައިންބަފައިން އެކީގައި ބައިވެރިވެގެނެވެ. ކަންކަން ނިންމުމުގައި ހުރިހާކުދިން ޝާމިލުކޮށް މަޝްވަރާ ކޮށްގެނެވެ. އާއިލާގައި ރަނގަޅު އުސޫލުތަކަކާއި ގަވާއިދުތަކެއް ކަނޑައަޅައިގެންނެވެ. މި ގަވާއިދުތަކަށް ބޯނުލަނބާމީހުނަށް އެކަމުގެ މުހިންމުކަން އިހުސާސް ކޮށްދީގެނެވެ.

ކޮންމެ ފިރިހެންދަރިއަކުވެސް މަންމަ އާއެކު ގުޅުން ބަދަހިކުރަން ބޭނުންވާނެއެވެ. އެހެންނަމަވެސް ހިތްބަލި ކުއްޖާއަށް "މަންމަގެ ރަންދަރިފުޅު" ގެ ނަން ލިބެއެވެ. ހުރިހާ ކުދިންނަށްވެސް ވިސްނައިދޭންވީ ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ގޮތުގައި ރަނގަޅު ކުއްޖެއްކަމުގައެވެ. އެންމެންވެސް ލޯބިވާ ކުއްޖެއް ކަމުގައެވެ. އާއިލާއަށްވެސް މުހިންމު ކުއްޖެއްކަމުގައެވެ.

މައުލޫމާތު: މަދަރ ޑޮޓް އެލްވައި