މާލޭގެ އަންހެން ޓެކްސީ ޑްރައިވަރު އާމިނަތު ވަހީދާ (އައިންތު) ގެ ޓެކްސީއަށް ގެއްލުން ދިން މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭ މާލޭ އިއްޒުއްދީން މަގު، ތޮއިބާ މިސްކިތް ކައިރީ ޕާކުކޮށްފައި އޮއްވައި އެ ކާރުގެ ވިންޑް ސްކްރީން ތަޅާލައި، އިތުރު ގެއްލުންތަކެއް ވަނީ ދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ 26 އަހަރުގެ ދިވެހި ފިރިހެނަކު މި މަހުގެ ފަސް ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދުގެ މުއްދަތު ވެސް ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދުގެ މުއްދަތު ވެސް ކޯޓުން ވަނީ އިތުރުކޮށްފައެވެ.

އައިންތު ބުނިގޮތުގައި މިއީ އޭނާގެ ޓެކްސީއަށް ގެއްލުންދިން ފަސް ވަނަ ފަހަރެވެ. މިފަހަރު އޭނާގެ ޓެކްސީއަށް ލިބުނު ގެއްލުންތައް މަރާމާތުކުރަން އެހީތެރިވެދިނީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފެވެ.