ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތައް ހިންގާ ހުރިހާ ރަށެއްގައި، އައިސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމައިފިއެވެ.

އެކަން އިޢުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޅ. އަތޮޅުގެ ހަ ރަށަކަށް މިހާރު ކުރައްވަމުނބް ގެންދަވާ ދަތުރުފުޅުގައެވެ.

އެ ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގެން އެރަށުގެ 100 ހައުސިންގ ޔުނިޓު ކައުންސިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިފްކޯ ބޮޑުކޮށް، ނައިފަރު ކައިރީގައި އޮންނަ ފެލިވަރަށް މަސްގަނެ، ސްޓޯކޮށް އަދި ދަޅުގައި ބަންދުކުރެވޭނެ ވަސީލަތްތައް ބޮޑަށް އިތުރުކުރުމަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކުރަމުންދާ ކަމަށެވެ.

"އޭގެ ސަބަބުން ނައިފަރުގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ. ނައިފަރަކީ ބައިބޯ އަދި މަސްވެރި ރަށެއް. މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަކީ ސަރުކާރުންވީ ވައުދެއް. އެގޮތުން މިއަދު ބޭއްވި ބައްދަލުވުންތަކުގެ ތެރޭގައިވެސް އައިސް ލިބުމުގެ ދަތިތަކާއި މަހަށް ރަނގަޅު އަގު ބޭނުންވާ ކަމާއި ބާނާމަސް، އެކީގައި ކިރޭނެގޮތެއްވުމަކީ މަސްވެރިންގެ އެދުމެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު އިތުރަށް ވިދާޅުވީ ފެލިވަރުގައި އިތުރަށް އައިސް ލިބޭނެ ގޮތް ހަދަމުންދާ ކަމަށާއި ފެނަކައިގެ އިންޖީނުގެތައް ހިންގާ ހުރިހާ ރަށެއްގައި އައިސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ފެނަކައިން އެ މަޝްރޫއު ރާވައި ކުރިއަށް ގެންދިއުމުގެ އަމަލީ މަސައްކަތް ފައްޓަން ތައްޔާރުވަމުން އަންނަކަމަށެވެ.