އަތޮޅު ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމުގެ ގޮތުން 14 ރަށެއްގައި 1575 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ޕްލޭނިންގ، މިނިސްޓްރީން ފަށްޓަވައިގެން ކުރިޔަށް ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޅ. ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްސްގެ މަސައްކަތް ނިންމާ ނައިފަރު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ރައީސް ވިދާޅުވީ މީގެ ތެރެއިން 8 ރަށެއްގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް 970 ފުލެޓުގެ މަސައްކަތް ޓެންޑަރ ކުރެވިފައި ވާކަމުގައެވެ.

ނައިފަރުގައި އިމާރާތްކޮށް އިއްޔެ ކައުންސިލާ ހަވާލުކުރި 100 ހައުންސިން ޔުނިޓާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އެތަންތަނުގެ ސަބަބުން ނައިފަރުގައި އެންމެބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކުގެ ތެރެއިން ބަޔަކަށް ބޯހިޔާވަހިކަން ލިބިގެންދާނެކަމަށެވެ. މި ހައުސިން ޔުނިޓު ތަކުގެ ސަބަބުން ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ މުޅިން ޙައްލުވެގެން ނުދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކުރަމުން އަންނަކަމަށާއި އެގޮތުން މިފްކޯ އިތުރަށް ފުޅާކޮށް ތަރައްޤީކޮށް، ފެލިވަރަށް މަސްގަނެ ސްޓޯރކޮށް ދަޅުގައި ބަންދުކުރެވޭ ކެޕޭސިޓީ އިތުރުކުރަމުން އަންނަކަމަށެވެ. މީގެ ސަބަބުން އައިސް ނުލިބުން ފަދަ ނައިފަރުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލުތަކެއް ލިބިގެންދާނެކަމުގައި ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފެނަކައިގެ އިންޖީނުގެތައް ހިންގާ ހުރިހާ ރަށެއްގައި އައިސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި ވެސް ވިދާޅުވިއެވެ.

ނައިފަރުގެ ބަނދަރުގެ ދަތިކަމަށް ޙައްލު ހޯދަން ކުރެވޭ މަސައްކަތުގެ ދަށުން މިވަގުތަށް ޙައްލެއް ބޭނުންވާ އުތުރު ނެރުން ވަނުމަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެމްޓީސީސީއާ މަސައްކަތް ހަވާލުކުރައްވާނެ ކަމަށަށް ވެސް ވިދާޅުވިއެވެ. އަދި ފަހުން ބަނދަރު ބޮޑުކުރުމަށް ބޭނުންވާކަންކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ފެނާ ނަރުދަމާގެ މަސައްކަތް ނިމުމުން ބޮޑެތި މަގުތަކުގައި ތާރުއެޅުން ކުރިޔަށްދާނެކަމަށާއި ސަރުކާރުން މިހާރު ކުރިޔަށްގެންދާ ބިންހިއްކުމުގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ނިމުމުން ދެން ބިން ހިއްކުން ފަށާ ރަށްރަށުގެ ތެރޭގައި ނައިފަރު ހިމެނޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދަތުރުފަތުގެ ނިޒާމު މިހާރު ޓެސްޓް ދަތުރުތައް ފަށައިގެން ކުރިޔަށްދާ ހއ،ހދ، ށ އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށްފަހު ދެން ހައިސްޕީޑް ފެރީގެ ޚިދުމަތް ފެށޭ އަތޮޅުތަކުގެ ތެރޭގައި ޅ. އަތޮޅު ހިމެނޭނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އަތޮޅު ހޮސްޕިޓަލުގައި ޑޮކްޓަރުން ނެތް ދާއިރާތަކުން ވަރަށް އަވަހަށް ޑޮކްޓަރުން ހޯދައި އިތުރު ޚިދުމަތްތައް ހޮސްޕިޓަލުގައި ތަޢާރަފު ކުރެވިގެންދާނެކަން ރައީސް ވިދާޅުވިއެވެ.

އިއްޔެ ނައިފަރު ކައުންސިލާ ހަވާލުކުރި 100 ހައުސިންގ ޔުނިޓަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކެކެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ ތެރޭގައި ހިމެނެނީ 1000 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކެވެ.