ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ މިއަދު އެނބުރި ރާއްޖެ އައުމާއެކު ހުކުމް ތަންފީޒުކުރަން ޖަލަށް ގެންގޮސްފި އެވެ.

ކަރެކްޝަނުން ވަނީ އަޑުބަރޭ 15 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ތަންފީޒުކުރަން ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ. ކަރެކްޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދުނީ ހުކުމް ތަންފީޒު ކުރަން ބެލިއިރު އަސްއަދު ހުރި ތަނެއް އެ އިދާރާ އަށް ނޭނގުމުންނެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ އަޑުބަރޭ މިއަދު ރާއްޖެ އައުމާއެކު އެއާޕޯޓުން ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން އަޑުބަރޭގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޖާމިނުވެ، އެ ޖާމިނުވި އެއްބަސްވުމާ އެއްގޮތަށް އަލީ ވަހީދު ރާއްޖެ ގެނެސްދީފައި ނުވާތީ އެވެ. މި ހުކުމް އަޑުބަރޭ އަށް ކޮށްފައިވަނީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

އެ ހުކުމް އަޑުބަރޭ އަށް އިއްވުމުން އޭނާ އަދާކުރަމުންދިޔަ މަގާމުން ވަނީ ވަކިކޮށްފަ އެވެ.