ރާއްޖޭގައި ކުށްކުރާ މީހުންގެ ނިސްބަތް ގިނަ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ކަރެކްޝަނަލް ސާވިސަސް އިން ހިންގި ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓިފިކެޓު ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކުށްކުރާ މީހުން ގިނަވުމަކީ ދަޢުލަތުގެ ނިސްބަތުން ވިސްނާ ފިކުރުކޮށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއްކަމަށެވެ. އެކަން ކުރުމަށް ތިބީ އެމްސީއެސްގެ ޢެންމެ މަތިން ފެށިގެން މަސައްކަތްކުރާ މުވައްޒަފުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭ ގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ އިންސާނާގެ ހަޔާތުގައި ލިބޭ ޢެންމެ ބޮޑު އެއް ކާމިޔާބާއި ކުރިއެރުމަކީ އިލްމުގެ މަރުޙަލާތަކުގައި ދަތުރުކުރުމަށް ލިބިގެންދާ ފުރުސަތު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކަރެކްޝަނަލް މެނޭޖްމަންޓްއިން ޑިޕްލޮމާ ހާސިލްކޮށްގެން ނިކުންނަނީ ރާއްޖެއަށް ޢެންމެ މުހިއްމު އަދި ބޭނުންތެރިވެފައިވާ ދާއިރާއަށް ކަމަށެވެ. މިއީރާއްޖޭގައި ތަކުރާރުކޮށް ކުށްކުރާ މީހުން އެމްސީއެސްއިން ބެލެހެއްޓުމަށްފަހު، މުޖްތަމަޢުއަށް ފައިދާހުރި ބައެއްގެ ގޮތުގައި ނެރުމަށް ކުރެވޭ މުހިއްމު މަސައްކަތަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށާއި އެކަމަށް އިލްމު އުނގެނި ދަސްކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޢިލްމު އުނގެނުމުގެ ސަބަބުން ކާމިޔާބީ ލިބިގެންދިއުމުގެ އިތުރުން ދެ ދުނިޔޭގެ މަތިވެރިކަމާއި ޝަރަފާއި ޢިއްޒަތް ލިބޭނެކަމަށެވެ. އަދި މި ކޯހުގެ ކުރީގެ ދެ ބެޗާއަޅާ ބަލާއިރު މި ބެޗްގެ ދަސްވެނިން ވަރަށް ބޮޑަށް އިތުރުވިކަން ފާހަގަކުރައްވައި، ކޯސްތަކުގައި ބައިވެރިވާ ދަރިވަރުން ކޯސް ފުރިހަމަކުރާ ނިސްބަތް 80 އިން ސައްތަ އިތުރުކުރުމަށް މަސައްކަތްކުރުމަށް ހިތްވަރުދެއްވިއެވެ.