ކަނޑައެޅިގެން ތިމާދަންނަ މީހަކު ސަލާން ގޮވާލުމުން ޖަވާބުނުދީ ނުދައްނަކަމަށް ހަދައިގެން ދާ މީހުން މި މިޖުތަމަޢުގައިވެސް އުޅެއެވެ. ކުޑައިރު އެކީގައި ކުޅެ، ދުވެ ހެދި ރަޙުމަތްތެރީންވެސް ނުދަންނަ ކަމަށް ހަދާމީހުން މަދެއްނޫނެވެ. ގިނަމީހުން މިގޮތަށް ކަންތައްކުރަނީ ތިމާއަކީ މިހާރު އެމީހުނަށްވުރެ މާ ޢިއްޒަތްތެރި ޤަދަރުވެރި ކާމިޔާބު މީހަކު ކަމުގައި ދެކޭތީއެވެ. މިއީ ކިބުރުވެރިކަމާއި ބޮޑާކަމުގެ ސިފައެކެވެ.

ގިނަފަހަރަށް މިގޮތަށް ނުދަންނަކަމަށް ހަދަނީ ތިމާގެފުށުން އަނެކާއަށް އެހީތެރިކަމެއް ފޯރުކޮށްދޭން ޖެހިދާނެތީއެވެ. އާންމު ރައްޔިތުންނަށް ޚިދުމަތްދޭ މުވައްސަސާއެއްގައި އުޅޭ، ރަޙުމަތްތެރިޔަކު ރަށު މީހުން ނުދަންނަކަމަށް ހަދައި އެމީހުނާ ވާހަކަނުދައްކާތީ އެކަމާ ސުވާލުކޮށްލީމެވެ. ރަޙުމަތްތެރިޔާބުނީ ދަންނަކަމަށް ހަދައިފިނަމަ، އެމީހުން ކަންކަމުގައި ކިޔާނެތީ ނުދަންނަކަމަށް ހަދަނީކަމަށެވެ. މިއީވެސް ބައެއް މީހުން އުޅޭ ގޮތެވެ. ތިމާއަށް ވެވެން އޮތް އެހީއެއް އެހެންމީހަކަށް ފޯރުކޮށްދިނުމަކީ ގޯހެއްހެއްޔެވެ؟ ތިމާގެ އަތުން ޚަރަދުތަކެއް ނުގޮސް އަދި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން މީހަކަށް އެހީތެރިކަމެއް ފޯރުކޮށްދެވެން އޮއްވާ އެކަން ދޫކޮށްލުމަކީ ތިމާއަށް ލިބޭ ސަވާބަކުން މަހުރޫމްވުން ނޫން ހެއްޔެވެ؟

ބައެއްފަހަރަށް މާ މަތީ މަޤާމެއް ލިބުމުންވެސް ކުރީގެ ރަހުމަތްތެރިންނާއި އެކުވެރިންނާ ދުރުވާމީހުން އުޅެއެވެ. އެމީހުންނަކީ ތިމާއާއި ގާތް ގުޅުމެއް ބޭއްވޭ ފެންވަރުގެ ބައެއްކަމަށް ނުދެކި، ގޮވާލިޔަސް ރުޅި މޫނު ދައްކައެވެ. ނުދަންނަކަމަށް ހަދައެވެ. މިއީ ކިބުރުވެރިކަމާއި ބޮޑާވެ ގަތުމެވެ. މިފަދަމީހުން އާޚިރުގައި ނިކަމެތިވެއވެ.

ދަންނަމީހުން ނުދަންނަމީހުންކަމުގައި ބަލަންޖެހޭ ހާލަތުވެސް އަތުވެދާނެއެވެ. އެމީހަކީ އަބަދު މީހުންއަތުން ފައިސާ ހޯދާ، މަކަރާ ހީލަތް ހަދާމީހަކުނަމަ، ރަނގަޅުވަނީ ނުދަންނަކަމަށް ހެދިއްޔާއެވެ. އެފަދަމީހުނާ ވީހާވެސް ދުރުގައި އުޅުމަކީ ރައްކާތެރި ގޮތެވެ.

އެހެންނަމަވެސް ތިމާއަކީ ކުރީގެ ރަހުމަތްތެރީނަށްވުރެ މާ ޤަދަރުވެރި މީހަކުކަމުގައި އަމިއްލައަށް ދުށުމަކީ ތިމާއަށް ތިމާ ފެނުމެވެ. ވަޒީފާގެ ގޮތުންނާއި ދިރިއުޅުމުގެ ޙާލަތުން ތިމާއާ އަރާއަރަފޯދިގެން ނުވާކަމަށް ދެކި ރަހުމަތްތެރިކަމުގެ ގުޅުން ކަނޑާމީހަކީ ހަގީގަތުގައި ޢިއްޒަތްތެރިއެއް ނޫނެވެ. އޭނާ އަކީ ނިކަމެއްޗެކެވެ. އަމިއްލަ ނަފުސަށް ބޮޑާވެގެންފި މީހެކެވެ. ބޮޑާވެ ކިބުރުވެރިވާ އިންސާނުންނަކީ ﷲ ރުހިވޮޑިގަންނަވާ ބައެއް ނޫންކަމަށް އެތައް ހަދީސަކުން އަޅުގަނޑުމެންނަށް ސާބިތުވެއެވެ.