މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ށަވިޔަނީގެ އަހުލުވެރީންނަށް ތަހުނިޔާ ދަންނަވަމެވެ. ޚިދުމަތްތެރި އަރިސްތަކަށް ޝުކުރާއި ތާރީފު ދަންނަވަމެވެ. މިއަދުގެ ހިތާމައަކީ، ބުނެވިދިޔަ ދެ ޖުމުލައިގެ މާނައަށްފަހު ދުވަހުގެ ރަސްމިއްޔާތު ނިމޭކަމެވެ. ބަހުގެ މޮޅުކަމާއި ބޭނުންތެރިކަމާއި މުހިންމު ވާހަކަދެއްކުމަށްފަހު އެހިސާބުން ދުވަހުގެ ރަސްމިއްޔާތު ނިމޭކަމެވެ. އެއާއެކު ޒިންމާތައް ވެސް ދަތި ތަންތަނަށް ވަންނަކަމެވެ. މާޒީގެ ތަޖުރިބާތަކުން ކަށަވަރު ވެފައިވަނީ، ހަމައެކަނި ވާހަކަދައްކައިގެން އެދޭ ނަތީޖާ ނުނުކުތްކަމެވެ. އެހެންކަމުން ދެވަނަ ނަޒަރަކުން މާދަރީބަހުގެ ދުވަހާމެދު ވިސްނައިލުމަކީ އޮތްކަމެކެވެ.
ބަހުގެ ކަންކަމުގައި އެންމެ ގިނައިން ފެންނަނީ ނޭނގޭ މީހުންނާއި ނުފަރިތަ މީހުންނަށް ދެރަބަސް ބުނެވޭތަނެވެ. ނިކަމެތި ކުރެވޭތަނެވެ. ހެޔޮ ނިޔަތުގައި ކުރާ ބަހުގެ މަސައްކަތަށް ހޫނު ތެޔޮހަމެއް ލިބޭތަނެވެ. މިކަންކަމުގެ ނަތީޖާ އައިސްފައިވަނީ ބަހަށް ފަހިގޮތަކަށެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ؟ އަޒުމާއި އުންމީދުގައި މަސައްކަތްފެށި އެތައް ބަޔަކު މާޔޫސްކުރުވި، ނުބައިމީސް ކުރުވި ނަތީޖާއެއްގެ ގޮތުގައެވެ.
ބަހުގެ މޮޅުކަމާއި ބޭނުންތެރިކަމާއި މިހާރުގެ މީހުންނަށް ނޭނގޭކަމާއި ނުދަންނަކަމުގެ ވާހަކަ ދައްކާ މީހުން ވަރަށް ގިނައެވެ. ނަމަވެސް ނެތީ ނުވަތަ މަދީ މައްސަލަތައް ހައްލުކޮށްދޭނެ ފަރާތްތަކަކާއި ވަސީލަތްތަކެކެވެ. ވިސްނައިލަމާހެއްޔެވެ؟ ނުބައިކޮށް ދަރަޖަބޭނުންކޮށްފައިވާ ޖުމުލައެއް ފެނުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ އެންމެ އާންމު ޖަވާބަކަށްވާނީ ލިޔުނު މީހާއަށް ދަރަޖަ ބޭނުންކުރަން ނޭނގޭކަމޭ ބުނާ ޖަވާބެވެ. މި ޖަވާބު ނުބައެއް ވެސް ނޫނެވެ. އެކަމަކު އެއީ ފުރިހަމަ ޖަވާބެއް ނޫނެވެ. ޖަވާބުގައި ހިމެނޭންޖެހޭ އެހެން ބައެއް ވެސް އެބައޮވެއެވެ. އެ ޖުމުލައިން އަންގައިދޭ އެއްކަމަކީ ދިވެހިބަހުގެ ދަރަޖަތަކަށް ފައްތައިގެން ލިޔަން ބޭނުންވާ، އެކަމަށް ޝައުގުވެރިކަންހުރި މީހަކު ހުރިކަމެވެ. އޭ ބޭނުންވާ ވަރަށް އޭނާއަށް މައުލޫމާތާއި ހުނަރާއި ތަމްރީނު ލިބިފައި ނެތްކަމެވެ. މިކަންކަން އެނގޭ މީހުންގެ މައްޗަށް ލާޒިމްވެގެންވަނީ އޭނާއަށް އެހީތެރިވެ ދިނުމެވެ. އޭނާގެ މަގުސަދާ ހަމައަށް ވާސިލްކޮށްދިނުމަށްޓަކައި މަގުދައްކައިދީ އެހީތެރިވުމެވެ. މި މަގުން މިކަން ހިނގާހެއްޔެވެ؟
ނޫނެކެވެ. ކަން ހިނގަނީ އެ މަގަކުންނެއް ނޫނެވެ. އަޅުގަނޑުމެންގެ ޒުވާނާގެ ލިޔުންކޮޅުގެ ފޮޓޯއެއް ނަގައި ބޮޅުއަޅައި ހަޖޫޖަހައި ފުރައްސާރަކޮށް މުނިފޫހިފިލުވާ ޒާތުގެ ކަމަކަށް ހަދައި އެއްކަލަ ކުއްޖާފުޅު ޒާތަކަށް ގަންހިންގަނީއެވެ. މިއީ ބަހުގެ ހައްގުގައި ކުރެވޭ ޚިދުމަތެއް ނޫނެވެ. މިއީ އަނިޔާއެކެވެ. ޒުވާނެއްގެ އަތުގައި ހިފައި ބަހާ ދުރަށް ގެންދިއުމަށް ކުރާ މަސައްކަތެކެވެ. ހުއްޓާލަންޖެހޭ ހުތުރުކަމެކެވެ.
މި ދެންނެވީ ކާޅުކައި ހުސްކުރާއިރު ވެސް ސޮއް ނުގޮވާ ވާހަކައެއް ނޫނެވެ. ސޮހަށް ސިހޭ ޒުވާނުން ކަމުގައި އަޅުގަނޑުމެންގެ ކުދިން ވިޔަ ނުދިނުމުގެ ވާހަކައެވެ. އަޅުގަނޑުމެންގެ މައްޗަށް އައުލާވެގެންވަނީ އެއްކަލަ ކުއްޖާ ލަދުނުގަންނާނޭ ގޮތަކަށް އޭނާއަށް އެހީތެރިވެ މަގުދައްކައިދިނުމެވެ. މައްސަލައަކަށް ވާގޮތާއި ހައްލުކުރާނޭ ގޮތް، ހަމައެޅޭ އުސޫލަކުން ރީތިކޮށް ބުނެދިނުމެވެ. މިގޮތަށް ބުނެދިނުމުން ގަބޫލުނުކުރާ ޒުވާނަކާ އަޅުގަނޑަކާ ދިމާވެފައެއް ނެތެވެ.
އަދުގެ ހާލަތަށް ދިވެހިބަސް ވެއްޓުނީ އިހުމާލުތަކެއް އޮވެގެންނެވެ. ބަސްކިޔަވައިދޭ ގޮތާއި ބަސް ދަސްކުރާންވީ ގޮތަށް ހެޔޮބަދަލެއް ނުގެނެވިގެންނެވެ. ބަސްކިޔަވައިދޭނެ މޮޅު މީހުންނަށް ހެޔޮ ބަދަލެއް ނުދެވިގެންނެވެ. އެކަންކަމުގެ ވާހަކަ ޚަބަރުތައް ނުދެނެތިބި ކުދީންތަކެއްގެ ބޮލުގައި މި ބަދުނާމު އެޅުވުމަކީ ވެގެންވާނޭ ގޮތެއް ނޫނެވެ.
ބަސް ދަސްކުރުމުގައި މާހައުލުގެ ދައުރެއް އޮންނަ ފަދައިން، ފޮތްތަކުގެ ވެސް ދައުރެއް އޮވެއެވެ. ކިޔަވައިދޭ ގޮތުގެ ވެސް ދައުރެއް އޮވެއެވެ. މީގެ ތެރެއިން ވެސް ދިވެހި ކިޔަން ބޭނުންކުރާ ފޮތްތަކުގެ ދައުރު ވަކީން ބޮޑެވެ. އެކަމަށް ވިސްނައި، މިފަދަ ފޮތްތަކެއްގައި ހުންނާންޖެހޭ އަސާސްތައް ހަމަކޮށްގެން ލިޔެވިފައިވާ ފޮތްތަކެއް ނެތެވެ. ބަދަލުވަމުންދާ ވެށްޓާއި ގެއްލެމުންދާ ސަގާފަތް ރަމްޒުކޮށް މާނަކޮށްދީ ޅަ ސިކުނޑިތަކަށް ވައްދައިދޭން ލިޔެވިފައިވާ "އަދަބީ ކިޔުންތަކެއް" ލިޔެވިފައެއް ނެތެވެ. ހުރި އެއްޗެއް ވެސް ހުރީ ދާދި މަދުންނެވެ. ވަށައިޖެހޭ މިންވަރަކަށެއް ނޫނެވެ.
ބާޒާރުގައި ހުރި ކިޔާ ފޮތްތަކަކީ ވެސް ހެޔޮ ނިޔަތުގައި ބަޔަކު ލިޔެފައިވާ ފޮތްތަކެކެވެ. ނަމަވެސް މިފަދަ ފޮތްތަކުގައި ހިމެނޭންޖެހޭ ބައިތަކާއި އުސޫލުތަކާއި ހަމަތައް ނެތުމުގެ ސަބަބުން ގައުމީ މައްސަލައެއް ހައްލުކުރުމުގައި އެކަށޭނަ ދައުރެއް އަދާކުރެވޭ ވަރެއް ނުވެއެވެ. މިކަމުގައި ވެސް އޮތީ މިފަދަ ފޮތްތައް ލިޔާ މީހުންނަށް އެހީތެރިވުމެވެ. ފޮތުގެ މައުލޫމާތާއި އުސްލޫބުތަކާއި ހުނަރުތައް ހުންނާންވީ ގޮތުގެ ފަންނީ ލަފާތައްދީގެން މި ފޮތްތަކުން ނަތީޖާނެރުމަށް މަސައްކަތްކުރުމެވެ. ނަމަވެސް މިކަން މި މަގުން ހިނގާތީއެއް ނުފެނެއެވެ.
އިސްވެ ދެންނެވި ސަބަބުތަކާ ގުޅުވައިގެން ބަލާއިރު ބަހައްޓަކައި ކުރާންޖެހޭ ގިނަ ކަންތައްތަކެއް ނުކުރެވި އެބަހުއްޓެވެ. މީގެ ތެރެއިން މިތާގައި އިޝާރަތްކޮށްލާނީ އެންމެ ކަމަކަށެވެ. ކުޑަކުދީން ދިވެހި ކިޔާނޭ ފޮތްތަކަށެވެ.
ބަސް ދަސްކޮށްދީ ފަރިތަކުރުވުމުގެ ބޭނުމުގައި، ފޮތްތަކުގެ ސިލްސިލާތައް ލިޔެވިފައި ހުއްޓާ ފެނެއެވެ. މި ސިލްސިލާތަކުގެ ފޮތްތައް ތަރުތީބުކުރެވިފައި ހުންނަނީ "ކުޑައިން ބޮޑަށް" ނުވަތަ "ތިރީން މައްޗަށް" އަންނަ އުސޫލަކުންނެވެ. ފުރަތަމަ ފޮތުން (ނުވަތަ ކުރީގެ ފޮތުން) ދަސްވާ އެއްޗެއް ދެވަނަ ފޮތުގައި (ފަހުން އޮންނަ ފޮތުގައި) ބޭނުންކޮށްގެން އުނގެނި ދަސްކުރާ އުސޫލަކުންނެވެ. ކިޔުމުގެ ސިލްސިލާތައް ފަށައިގެންފައި ހުންނަނީ އަޑުތަކާ ގުޅުވައިގެން އަކުރު ދަސްކޮށްދޭ ފޮތްތަކަކުންނެވެ. ފިލިތައް ވެސް މި މާނައިގައި ހިމެނޭގޮތުންނެވެ. ކިޔަން ފަށައިގަނެވޭ ހިސާބަށް އައިސްގެން ދެން ކިޔަން ހުންނަ ފޮތްތައް އެކިއެކި ދާއިރާތަކަކަށް (ތީމުތަކަކަށް) ބަހައިފައިވާތީ ފެނެއެވެ. މިސާލަކަށް ބަލާނަމަ، ހާލުއެހުމާއި ހާލު ބަޔާންކުރުން، މޫސުމް ބުނެދިނުން، މިސްރާބުތައް ބުނެދިނުނުން، ގަޑިބުނުން، މިންއެޅުން، މިނެކިރުން ފަދަ ދާއިރާތަކެވެ. ނުވަތަ ތީމުތަކެވެ. މިއިން ފޮތަކުން އެނގޭ އެއްޗެހީގެ ތެރޭގައި ދާއިރާގެ ލަފުޒުތަކާއި، ދާއިރާގެ ސަގާފަތާއި މީހުން ދެކޭގޮތް ފަދަ ކަންކަން ހިމެނެއެވެ. އަދި ޖުމުލައިގެ އޮނިގަނޑު އޮންނާނޭގޮތް ތަކުރާރުވެގެން އޭގެ ބައްޓަން ހިތުގައި އަށަގެންނެވުމަށް ޚާއްސަ ކޮށްފައިވާ ލިޔުންތައް ވެސް ހުރެއެވެ. ނަންއިތުރު އަންނާނީ ނަމުގެ ކުރިއަށްތޯ ނުވަތަ ފަހަތަށްތޯ އަންގައިދޭ ލިޔުންތައް ވެސް ހުރެއެވެ. އިންނަތަކެއްޗާއި ހުންނަ ތަކެއްޗާއި، ގަސްގަހުގައި އަޅާތަކެތި ގަހުން ވަކިކުރުމަށް ކިޔާ ނަންނަމާއި، ކާބޯތަކެތި ރޯފިލުވުމަށް ނުވަތަ ކެއުމަށް ތައްޔާރުކުރުމަށް ކިޔާ ނަންތަކަށް ޚާއްސަ ލިޔުންތައް ވެސް ހުރެއެވެ. މިފަދަ ރޭވުންތެރި ސިލްސިލާއެއްގެ ކިޔުންތަކުގެ ސަބަބުން ކުއްޖާގެ ހިތުގައި އެގޮތުގައި ބަސް އަށަގަންނަ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެއެވެ. މިގޮތަށް އަށަގެންފިއްޔާ، ޔުނިވަރުސިޓީއަށް ގޮސް "އިނުން، ހުރުން، އޮތުން" ދަސްކުރާކަށް ނުޖެހޭނެއެވެ.
މިއީ ޚިޔާލެކެވެ. މަސައްކަތާ ދިމާއަށް އިނގިލި ދިއްކޮށްލުމެކެވެ. މުޅި މައްސަލަ ހައްލުކުރެވޭވަރުގެ ވަށައިޖެހޭ ވިސްނުމެއް ނޫނެވެ. ނަމަވެސް މިފަދަ ވިސްނުމަކަށް ކުރެވުނު އިޝާރާތެކެވެ.
މާދަރީ ބަހުގެ ދުވަހާ އެކަށީގެންވަނީ މިފަދަ މަސައްކަތްތަކެއް ކުރުމެވެ. ބަޔަކު ނުބައިމީސް ކޮށްލާފައި އިތުރު ކަމެއް ނުކޮށް އެރޭ ނިދައިފައި ހޭލާއިރު އޮންނަނީ މާދަރީބަހުގެ ދުވަސް ގޮސްފައެވެ. މިވަގުތުން ފެށިގެން އަންނަ އަހަރުގެ މި ދުވަހާ ހަމައަށް މި ދެމެދު އޮންނަނީ ހުސްކޮށެވެ. އެހެންކަމުން މި ދެމެދުގައި ބަހަށްޓަކައި މަސައްކަތެއް ކުރުމަކީ މިއަދާ އެންމެ މުނާސަބު ގޮތެވެ. ބަހަށް އެންމެ ބޭނުންގޮތެވެ.
މިއަދު އަޅުގަނޑުމެން ހިތްވަރު ލިބިގަންނާންވީ ކަމަކީ ދިވެހި ބަހުގެ މާޒީގެ ހުރިހައި ފަޚުރަކާއި ޝަރަފެއްގައި، ވަކިވަކި ފަރުދުންން ކޮށްފައިވާ ފަރުދީ ޚިދުމަތްތަކުގެ ނަތީޖާއަށް ބަލައިގެންނެވެ. ފަރުދީ މަސައްކަތުން ނުކުމެފައިވާ ގައުމީ ނަތީޖާތަކަށް ބަލައިގެންނެވެ. މި ހިތްވަރުން ހިތްވަރު ލިބިގަނެ ބަސް އުނގެނޭނެ ވަސީލަތް އުފެއްދުމަކީ ބަހަށްޓަކައި ކުރާންޖެހިފައިވާ ޚިދުމަތެކެވެ. ބަހަށްޓަކައެވެ. މާދަރީ ބަހަށްޓަކައެވެ. މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށްޓަކައެވެ.
ފުރިހަމަ ލިޔުމެެއް. އަސަރު ކޮށްފި. ހައްލެއް އަންނާނެނަމަ، މިހާރު ސްކޫލްތަކުގަޔަޔާއި އާއިލާ ތަކުގައި މާދަރީ ބަހަށްދޭ ސަމާލުކަން ކުޑަ