ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޕޮލިސް ބޯޑަށް މާދަމާ ހާޒިރުކުރާގޮތަށް ހަމަޖެހިއްޖެއެވެ.

ޕޮލިސް ބޯޑަށް ސީޕީ ހަމީދު ހާޒިރުވުމަށް އަންގާފައިވަނީ މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައި ފުލުހުން ހިންގާފައިވާ އޮފަރޭޝަން ތަކުގައި އިޖުރާތެއް ގޯސްކޮށް ހިނގާފައިވާތީ ކަމަށް ބެލެވޭތީ އެކަން ބަލައިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސއިން ޝަމީމް ޕޮލިސް ބޯޑަށް މައްސަލަ ހުށައެޅުމާއި ގުޅިގެންނެވެ.

ޕޮލިސް ބޯޑަށް މާދަމާ 2 ޖަހާއިރު ސީޕީ ހަމީދު ހާޒިރުވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެކަމާއި ގުޅިގެން އޭނާ ވިދާޅުވީ ފުލުހުންވެސް ގޯހެއް ހަދައިފިނަމަ އެކަން ބެލޭނެ ގޮތްތައް ފަހިވެފައިހުރުމުގެ ފައިދާ އެންމެނަށް ކުރާކަމަށާއި އެކަމާ އުފާކުރައްވާކަމުގައެވެ.

"އަޅުގަނޑަށް މިއަދު ލިބޭ ހިތްހަމަޖެހުމަކީ ފުލުހުން ކަމެއް ގޯސްކޮށް ކޮށްގެން ވެސް ޖަވާބުދާރީ ކުރުވަން އެކި ދިމަދިމާލުން މަސައްކަތް ކުރުން އަދި ޖަވާބުދާރީ ކުރުވުމަށް ދޮރުތައް ހުޅުވިފައި ވާތީ ނުވަތަ މަގުތައް ކޮށިފައިވާތީ" ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ފުލުހުންގެ އާގާނޫނުގައި ބުނެފައިވާގޮތުން، ފުލުހުންގެ ކަންތައްތައް ބަލަހައްޓާ އެންމެއިސް ފަރާތަކީ ޕޮލިސްބޯޑެވެ. ޕޮލިސް ބޯޑު އެކުލެވިގެންވަނީ ރައީސް އައްޔަންކުރައްވާ ދެ މެމްބަރުންނާއި، ފަންނީ ދާއިރާއިން ތިން މެމްބަރުންގެ އިތުރުން އާންމު މެމްބަރުންގެ ތެރެއިން ދެ މެމްބަރުންގެ މައްޗަށެވެ.

ފުލުހުންގެ ބޯޑުގެ ގަވާއިދުގައިވާ ގޮތުން ފުލުހުންގެ ކަންތައްތަކާއިމެދު ޖަވާބުދާރީވާން ޖެހޭނީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ.