ދަރިންނާއި ވާހަކަދައްކަން ފެށުމަކަށް ވަކި އުމުރެއް ނެތެވެ. ދުނިޔެއަށް އުފަންވުމާއެކު އެކުދިންނާއި ވާހަކަދަކަންފަށަންވީއެވެ. އެކުދީންނަށް ދައްކާ ވާހަކަ ނޭގުނަސް އަޑު އިވެންފެށުމާއެކު ކުދިން ބަސްދަސްކުރަން ފަށާނެކަމަށް ޑޮކްޓަރުން ބުނުއްވައެވެ. ތަކުރާރުކޮށް ލަސްލަހުން ކިޔާ އެއްޗހި ކުއްޖާ ދެނެގަންނާނެއެވެ.

ބޮޑު އާއިލާއެއްގެ ތެރޭގައި ދިރިއުޅޭ ކުދިން ވާހަކަދެއްކުން އަވަސްވެއެވެ. ގިނަ މީހުން ދިރިއުޅޭ ގެއެއްގައި ބޮޑުވާ ކުދިން ބަސްކޮށާރު މުއްސަދިވާކަން މުދައްރިސުންވެސް ފާހަގަކުރެ އެވެ. އެހެން އެވަނީ ގިނަމީހުންގެ ވާހަކަ ދެއްކުން ކުދިންނަށް އަޑު އިވޭތީއެވެ. މީގެ އިތުރަށް ކާފަ، މާމަމެން ގޭގައި ތިބޭއިރު ކުދިންނާ އަމިއްލަ ބަހުން ވާހަކަދައްކައެވެ. ވާހަކަ ކިޔައިދެއެވެ. މިކަމުގެސަބަބުން ކުއްޖާއަށް ބަސްދަސްވުން އަވަސްވެ ބަސްކޮށާރު މުއްސަނދިވެއެވެ. ދިރާސާވެރިން ހާމަކުރާގޮތުގައި ބަސް ދަސްވާނީ ގިނައިން ވާހަކަ ދެއްކި މިންވަރަކަށެވެ. ބަސް އަޑުއިވުން ގިނަވުމުންނެވެ.

މިއާ ޚިލާފަށް ކުދި، އާބާދީ މަދު، އާއިލާތަކުގައި އިވެނީ މަންމަ އާއި ބައްޕަ ވާހަކަ ދައްކާ އަޑެވެ. ނޫނީ އިތުރު އެއް މެންބަރެއްގެ އަޑެވެ. ގިނަފަހަރަށް ބައްޕަ އާއި މަންމަ ވަޒީފާ އަށް ދިއުމުން ކުއްޖާ އާއި ގިނަވަގުތު ވާހަކަދައްކަން ހުންނަނީ އެއްމެ މީހެކެވެ. އެހެންކަމުން ކުއްޖާ ވާހަކަދެއްކުން ލަސްވެއެވެ. އަމިއްލަ ބަހަށް ބީރައްޓެހިވެއެވެ.

ކުދިން ވާހަކަ ދައްކަން ދަސްކުރާއިރު ސުވާލުކުރާނެއެވެ. ވަރަށް ގިނައިންވެސް ސުވާލުކޮށް ހަދާނެއެވެ. މިއީ ހުރިހާ މައިންވެސް ތަޖުރިބާ ކޮށްފައިވާ ކަންތަކެވެ. މި ގޮތަށް ކުދިން ކުރާ ސުވާލުތަކަށް ޖަވާބު ލިބޭނަމަ، ބަސް ދަސްކުރުން އަވަސް ވާނެކަމަށް ބަހުގެ ޢިލްމުވެރިން ބުނުއްވައެވެ. މާލޭގައި ދިރިއުޅޭ ރަޙުމަތްތެރިއަކު ކިޔައިދިން ވާހަކައެއް ހިއްސާކޮށްލަމެވެ.

ގޭގައި އުޅެނީ ދެމަފިރިންނާއި އެންމެ ދަރިއެކެވެ. ފިރިމީހާ ވަޒީފާއަށް ދިއުމުން އަނބިމީހާ ދަރިފުޅު ބަލަމުން ގޭގެ އެހެންކަންތައްވެސް ކުރަންޖެހޭތީ ވަރަށް ގިނައިން ދަރިފުޅު ޓީވީ ބަލަން ބައިންދައެވެ. އެހެންކަމުން އުމުރުން 7 އަހަރު ވީއިރު ދަރިފުޅު އަމިއްލަ ބަހުން ވާހަކަދައްކަން ވަރަށް ކޮށިވިއެވެ. ޚިޔާލު ފާޅުކުރުން ވަރަށް މަދުވިއެވެ. މިހެން ވުމުން ދެމަފިރިން ގަސްތުކުރީ ދުވަސްކޮޅަކަށް ދަރިފުޅުގޮވައިގެން ރާއްޖޭގެ ރަށަކަށް ޗުއްޓީ ހޭދަކޮށްލުމަށް ދިއުމަށެވެ. ގިނަ ކުދިންނާއެކު އުޅޭނެ ފުރުޞަތު ދިނުމަށެވެ. މިގޮތަށް ރަށަކަށް ގޮސް ކުދިންނާއެކު ކުޅެން އުޅެންފެށުމުން ކުއްޖާގެ ވާހަކަދެއްކުމަށް ކުރިއެރުން ލިބުނެވެ. " އެއްދުވަހަކު ކުދިންނާއެކު ކުޅެން އުޅެފައި މައްޗަށް ބަލަން ހުރެފައި ބުނީ މަންމާ މިއަދު ވާރޭވެހޭނެހެން ހާދަ ހީވެއޭ. އެއީ އޭނަ އަމިއްލަ ބަހުން ޚިޔާލު ފާޅުކުރި ފުރަތަމަދުވަސް. " ރަހުމަތްތެރިޔާ ބުންޏެވެ. އެކަމާ އޭނާ ވަރަށް އުފާވިކަމަށްވެސް ބުންޏެވެ. މިހާރު ދަރިފުޅު ޚިޔާލުފާޅުކޮށް އަމިއްލަ ބަހުން ވާހަކަދައްކާކަމަށް އޭނާބުންޏެވެ. އެކަން އެހެންވީ ގިނަ މީހުންގެ ތެރެއަށް ގެންގޮސް ގިނަ ކުދިންނާއެކު ވާހަކަދައްކާ އުޅުމަށް ފުރުޞަތު ދިނުމުންކަމުގައިވެސް އޭނާ ބުންޏެވެ.

ކޮންމެ މަންމައަކާއި ބައްޕައަކުވެސް ބޭނުންވާނީ އޭނާގެ ދަރިފުޅަކީ އަވަހަށް ވާހަކަ ދައްކާ ދޫފަރިތަ ކުއްޖަކަށް ވުމެވެ. ބަސްކޮށާރު މުއްސަނދި ކުއްޖަކަށް ވުމަށެވެ. ނަމަވެސް މިއަދުގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ މުވާސަލާތީ ވަސީލަތްތަކުގެ ސަބަބުން ކުއްޖާގެ ބަހަށް ކުރަނީ ނެދެވޭ އަސަރެވެ. ވާހަކަދެއްކުންވަނީ މަދެވެ. ގިނަވަކުތު ބެލެނީ ސްކްރީނަށެވެ. އެއަށް ދެވިހިފާ ކުދިން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ކުދިން އެކަންޏެއް ނޫނެވެ. މައިންބަފައިންވެސް މިކަމުގައި ޝާމިލުވެއެވެ. އެހެންކަމުން އަމިއްލަ ބަހުން ވާހަކަ ދެއްކުންދަނީ ދަށްވަމުންނެވެ. ބަހަށްދެވޭ ސަމާލުކަން ދަނީ ކުޑަވަމުންނެވެ.

ދަރިފުޅުގެ ބަސްކޮށާރު މުއްސަނދިކޮށް އަމިއްލަ ބަހަށް އަހުލުވެރިކުރަންބޭނުންނަމަ، އެ ބަހުން ވާހަކަދައްކަން ޖެހެއެވެ. ގިނައިން ބަސް އަޑު އިއްވަންޖެހެއެވެ. ކުދިންގެ ސުވާލުތަކަށް ޖަވާބުދޭން ޖެހެއެވެ. އެބަހަކުން ވާހަކަދައްކާ މީހުންގެ ތެރެއަށް ގެންދަންޖެގެއެވެ. ކުދިން މާދަރީ ބަހަށް މޮޅުވާނީ ސްކްރީން ވަގުތު މަދުކޮށްގެނެވެ. ދަރިންނަށް މައިންބަފައިންވެސް ވަގުތު ދީގެންނެވެ.