ކެރިޔަރުގެ ކޮންމެވެސް ހިސާބަކުން އެމެރިކާގެ މަޝްހޫރު މޭޖަރ ލީގް ސޮކަރ (އެމްއެލްސް) ގައި ކުޅެން ބޭނުންވާ ކަމަށާއި އޭރުން ކޮންމެ ސީޒަނަކު ތިން މަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށްބުނެ އެމެރިކާ ލީގަށް ބަދަލުވުމަށް ޝައުގުވެރިވާކަމަށް މަޖާޒީ ގޮތަކަށް، ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ނޭމާ ބުނެފިއެވެ.

އިޓަލީގެ "ފިނޯމެނޮސް ޕޮޑްކާސްޓް" އަށް ދިން ބަސްދީގަތުމެއްގައި ނޭމާ ބުނީ އެމެރިކާ ލީގުގައި މަދުވެގެން އެއްސީޒަނު ކުޅެން ބޭނުންވާ ކަމަށެވެ. "ވަރަށް ޝައުގުވެރިވޭ ކުޅުން ހުއްޓާލުމުގެ ކުރިން އެމެރިކާ ލީގުގައި ކުޅެން. އެންމެ ބޮޑަށް ގަޔާވާ ސަބަބަކީ އެހެން ލީގްތަކަށްވުރެ އެމެރިކާ ލީގް ކުރިއަށް ގެންދާ މުއްދަތު ކުރުވުމާއި ސީޒަނަށްފަހު ތިން މަހުގެ ޗުއްޓީއެއް ލިބޭތީ" ނޭމާ ބުންޏެވެ.

ބާސެލޯނާއިން 2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގަކަށް (259 މިލިޔަން ޑޮލަރު) ޕީއެސްޖީއަށް ބަދަލުވި ނޭމާ މިހާރުވެސް ބޮޑަށް ފާހަގަ ކުރެވެނީ ޕާޓީތަކާއި މުނިފޫހިފުލިވުމުގެ ޝޯވްތަކުގައި ވަރަށް ބޮޑަށް ބައިވެރިވާ ކުޅުންތެރިއެއްގެ ގޮތުގައެވެ.

އެމެރިކާ ލީގުގައި ކުޅުމުގެ އިތުރުން އެނބުރި ބްރެޒިލަށް ގޮސް ސަންތޯސްއަށް ކުޅެން ބޭނުންވާކަމަށްވެސް މިބަސްދީގަތުމުގައި ނޭމާ ބުންޏެވެ. ނޭމާގެ ކުޅުން ދުނިޔެއަށް ފާހަގަ ވެގެންދިޔައީ އޭނާ ސަންތޯސްއަށް ކުޅެމުން ދިޔަ ދުވަސް ވަރުގައެވެ.

ސަންތޯސްއަށް ކުޅުނު ދުވަސްވަރު ލަނޑެއް ޖެހުމަށްފަހު ނޭމާ އުފާ ފާޅު ކުރަނީ. އެނބުރި ސަންތޯސްއަށްވެސް ދާން ބޭނުންވޭ.

ރިޓަޔަރ ކުރުމާ ގުޅޭ ގޮތުން ނޭމާ ބުނީ 32 އަހަރުގައި ރިޓަޔަރ ކުރާނެކަމަށް ރައްޓެހިން ކައިރީ މަޖަލަކަށް އޭނާއަށް ވަރަށް ގިނައިން ބުނެވޭ ކަމަށެވެ. "އެންމެ މުހިއްމު ކަމަކީ އަހަރެންގެ މެންޓަލް ހެލްތު. ކުޅެގެން ހިތްހަމަ ޖެހުމާއި އުފާވެރިކަން ނުލިބި ހަށިގަނޑަށް ވަރުބަލިކަން އިހްސާސްވާނަމަ ކުޅުން ހުއްޓާލާނަން. އެކަމަކު ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަހަރެންގެ އުމުރުން 34 އަހަރުގައި" ދާދިފަހުން 30 ވަނަ އުފަން ދުވަސް ފާހަގަ ކުރި ނޭމާ ބުންޏެވެ.