އިހުޒަމާނުގައި އުޅުއްވި ރަސްކަލަކު އޭނާގެ ރަށުގެ އަހުލުވެރިންނަށް ޞަދަޤާތް ކުރުން މަނާ ކުރެއްވިއެވެ. އަދި މީހަކު ޞަދަޤާތް ދިންކަން އެނގިވަޑައިގެންފި ނަމަ އެމީހެއްގެ އަތް ކަނޑުއްވާނޭ ކަންވެސް އަންގަވައި އިޢުލާން ކުރެއްވިއެވެ.
ކޮންމެއަކަސް އެދުވަސްވަރު އެރަށުގެ އަހުލުވެރިންގެ ތެރެއިން ވަރަށް ނިކަމެތި ފަޤީރު މީހަކު ގޮސް އަންހެނެއްގެ ގާތު ޞަދަޤާތުގެ ގޮތުގައި އެއްޗެއް ދިނުމަށް އެދުނެވެ. އަންހެންމީހާ ޖަވާބުގައި ބުންޏެވެ. "ޞަދަޤާތް ދޭ ކޮންމެ މީހެއްގެ އަތް ކަނޑުއްވާނެކަމަށް ރަސްގެފާނު އަންގަވައި ޢިއުލާންކުރައްވާފައި ވަނިކޮށް އަހުރެން ތިބާއަށް އެއްޗެއް ދޭނީ ކިހިނެއް ހެއްޔެވެ؟” ފަޤީރު މީހާ ބުންޏެވެ. "މާތްاللَّه އަށްޓަކައި ޞަދަޤާތުގެ ގޮތުގައި ކޮންމެވެސް އެއްޗެއް ދޭށެވެ. "ދެންފަހެ އެ އަންހެން މީހާ ނިކަމެތި މީހާއަށް ދެ ރޮށި ދީފައި ފޮނުވާލިއެވެ. އިސާހިތަކު އެކަން ރަސްގެފާނަށް އެނގިވަޑައިގެންފިއެވެ. އެހެންކަމުން ރަސްގެފާނުގެ ދަރުބާރުން އަންގަވައި އިޢުލާން ކުރައްވައިފައިވާ އަމުރުފުޅާ ޚިލާފަށް ޞަދަޤާތްކުރި އަންހެންމީހާއަށް އެކަމުގެ އުޤޫބާތެއްގެ ގޮތުން އޭނާގެ ދެއަތް ކަނޑުއްވައިފިއެވެ.
އޭގެ ދުވަސްކޮޅެއް ފަހެވެ. ރަސްގެފާނު ކައިވެނިފުޅު ބައްލަވައިގަންނަވާނޭ ރީތި އަހެން ބޭފުޅަކު ހޯއްދަވައި ދެއްވުމަށް އޭނާގެ މަންމާފުޅު އަރިހުގައި އެދިވަޑައިގެންނެވިއެވެ. އެހިނދު ރަސްގެފާނުގެ މަންމާފުޅު ވިދާޅުވިއެވެ. “އެފަދަ ދެވަނައެއް ނުވާ ރީތި ކުއްޖަކު އެބައިނެވެ. އެކަމަކު އޭނާގެ ވަރަށް ބޮޑު އައިބެއް ވެއެވެ. އޭނާގެ ދެއަތުންކުރެ އަތެއް ނެތެވެ. "ކޮންމެއަކަސް ރަސްގެފާނުގެ އެދިވަޑައިގަތުމަށް އެކުއްޖާ ގެނެވުނެވެ. އެހިނދު ރަސްގެފާނު އެކުއްޖާއަށް ބައްލަވައިލެއްވުމަށްފަހު އެކުއްޖާއާ ހިތްޕުޅާވިއެވެ. އަދި އެކުއްޖާއާ ކައިވެނިފުޅު ބައްލަވައިގަންނަވަން އެދިވަޑައި ގަތުމުން އެއަންހެން ކުއްޖާ އެކަމަށް އެއްބަސްވިއެވެ. ނަމަވެސް ރަސްގެފާނުގެ އެހެން އަނބިއަނބި ކަނބަލުން އެކުއްޖާއާ އެހާ ގަޔާނުވެއެވެ. އޭނާއަށް ހަސަދަވެރި ވިއެވެ.
ދުވަސްތަކެއް ފަހުން ރަސްގެފާނު ހަނގުރާމައަކަށް ނުކުމެވަޑައިގެންފިއެވެ. އެހިނދު ރަސްގެފާނުގެ އެހެން އަނބިއަނބި ކަނބަލުން ރަސްގެފާނަށް ލިޔުއްވި ފަތްކޮޅެއްގައި ވެއެވެ. "އެކަބުލޭގެ (ދެއަތްނެތް ކަނބުލޭގެ) އަކީ ފާޖިރެކެވެ. އޭނާއަށް ކުއްޖަކު ލިބިފައިވެއެވެ.” އެހިނދު ރަސްގެފާނު ވަރަށްބޮޑަށް ކޯފާ އިސްކުރައްވައި މަންމާފުޅަށް ފަތްކޮޅެއް ލިޔުއްވިއެވެ. "ދެއަތްނެތް ކަނބުލޭގެއާއި އޭނާގެ ކުއްޖާ ގަނޑުވަރުން ނެރުއްވައިލައްވާށެވެ." ދެންފަހެ އެކަނބުލޭގެ ގަނޑުވަރުން ބޭރުކުރެއްވުމުން ކުއްޖާ ކޮނޑުގައި ބައިންދައިގެން ސަހަރާތެރޭ ދަތުރުކޮށްފައި ދާންފެށިއެވެ. އެދިޔަ މަގުމަތީގައި އެކަނބުލޭގެ ފެން ބޮވައިގަނެގެން ކޯރެއްގެ ކައިރީގައި މަޑުކޮށް ފެންބޯން ގުދުވެލިތަނާ ކޮނޑު މަތީގައި އިން ކުއްޖާ ކޯރަށް ވެއްޓި ޣަރަޤު ވެއްޖެއެވެ. އެކަމުގެ ހިތާމައިގައި އެކަނބުލޭގެ ކޯރުގެ އައްސޭރީގައި ރޯން އިންދާ އެތަނަށް ދެމީހަކު އައެވެ. އެދެމީހުން އޭނާ ކުރެން ރޮނީ ކީއްވެހޭ ސުވާލުކުރުމުން ވެގެން އުޅޭ ގޮތް އޮޅުންފިލުވައި ދިނެވެ. އެހިނދު އެކުއްޖާ ކޯރުން ނަގަން ބޭނުންތޯ އެދެމީހުން ސުވާލުކުރިއެވެ. އަންހެން މީހާ އާނއެކޭ ބުނުމުން އެދެމީހުން اللَّه އަށް ދުޢާ ދެންނެވިއެވެ. اللَّه ސުބުޙާނަހޫ ވަތަޢާލާ އެދެމީހުންގެ ދުޢާ އިޖާބަ ކުރައްވައި އެކުއްޖާ ސަލާމަތް ކުރެއްވިއެވެ. އަދި އެމީހުން އެ އަންހެން މީހާއަށް އަލުން ދެއަތް ދެއްވުމަށްވެސް އެދި ދުޢާކުރެއްވިއެވެ. ފަހެ اللَّه ސުބުޙާންހޫ ވަތަޢާލާ އެދުޢާވެސް އިޖާބަކުރައްވައި އެއަންހެން މީހާގެ ދެއަތް ފުރިހަމަކޮށް ދެއްވިއެވެ.
އެއަށްފަހު އެ ދެމީހުންނަކީ ކޮން ބައެއްކަން އަންހެން މީހާއަށް ބުނެދިނެވެ. އާދެ! އެދެ މީހުންނަކީ އެ އަންހެން މީހާ ޞަދަޤާތް ކުރި ދެރޮށްޓެވެ. މާތްﷲ ސުބުޙާނަޙޫ ވަތަޢާލާ އަންގަވާފައިވެއެވެ. މީސްތަކުންނަށް ހެޔޮ ފޯރުވައިދޭ މީހާއަކީ ދުނިޔެއާއި އާޚިރަތު ގައި ބާއްޖަވެރިކަން ލިބިގެންވާ މީހެކެވެ. އެގޮތުން ނަޙުލު ސޫރަތުގެ 97 ވަނަ އާޔަތުގައި اللَّه ވަޙީކުރައްވާފައިވެއެވެ.
مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ މާނައީ: މުއުމިނަކު ކަމުގައިވާ ޙާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ޞާލިޙު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަން ރަސްކަލާނގެ ދެއްވާ ހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ޢަމަލު ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަން ރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ. އަދިވެސް އަންގަވާފައިވެއެވެ. ޞަދަޤާތް ދިނުމަކީ ހިތާމަތައް ފިއްލަވައި ސަލާމަތްތެރިކަން ދެއްވާނެ ކަމެކެވެ. އެކަން ބަޔާންކުރައްވައި މާތް اللَّه ބަޤަރާ ސޫރަތުގެ 274 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ މާނައީ: އެއުރެންނީ، ރެއާއި ދުވާލު، ސިއްރާއި ފާޅުގައި، އެއުރެންގެ މުދާތައް ހޭދަ ކުރާ މީހުންނެވެ. ފަހެ، އެއުރެންގެ ވެރި ރަސްކަލާނގެ حضرة ގައި އެއުރެންގެ ދަރުމަ، އެއުރެންނަށް ހުށްޓެވެ. އަދި، އެއުރެންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި ހިތާމަ ކުރާނޭ ބަޔަކު ކަމުގައިވެސް އެއުރެން ނުމެވޭމެއެވެ.
- ވާހަކައިގެ މަސްދަރު:- ابن الجوزي (رَحِمَهُ ٱللَّٰه) / كتاب البر والصلة