ގެވެށި ގުޅުންތައް ރަނގަޅު މާޙައުލަކުން ވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަނބަލުން އެ ބޭފުޅުންނާއެކު މަސައްކަތްކުރައްވާ އެހެން ބޭފުޅުންނަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަޙްމަދު އެދިވަޑައިގެންފިއެވެ.
އެކަމަނާ މިކަމަށް އެދިވަޑައިގެންނެވީ "ގެވެށީ ގުޅުން" ކެންޕޭނުގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ތައްޔާރުކޮށް ނެރުނު މަޖައްލާ "ސާސްތުރަ" ނެރެދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ވަނީ ސްކޫލްތަކުގައި އިސްދައުރެއް އަދާކުރެއްވި އިރު، ގޭތެރޭގެ މިފަދަ ދަތިތަކާ ކުރިމަތިލައިފައިވާ މުވައްޒަފުން ހިއްސާ ކުރައްވާފައިވާ ވާހަކަތައް އަޑު އައްސަވައިފައެވެ. އެހުމުން އެކަމާ އެހެން ވިދާޅުވީ ކުރެވުނު ތަޖުރިބާގެ އަލީގައި އެކަމުގެ މުހިންމުކަން އެނގިވަޑައިގެންފައިވާތީއެވެ.
އެކަމަނާ ވިދާޅުވީ ގެވެށި ގުޅުން މުހިންމުވާ އެއް ސަބަބަކީ ހުރިހާ ކަމެއްވެސް ފެށެނީވެސް އަދި ނިމެނީވެސް ގެއާ ހިސާބުންކަމަށްވުމުން ކަމުގައި ވުމުންނެވެ. އޭގެ އިތުރުން ހަދާ ޤާނޫނުތަކާއި ޤަވާޢިދުތަކުންވެސް އެދެވޭ މުހިންމު ބަދަލެއް އަންނާނީ، އަޑުއެހުމުގެ މުހިންމުކަމުގެ އަގުވަޒަންކުރާ، ބަދަހި ގެވެށި ގުޅުމެއްގެ ތެރެއިންކަމެވެ. ހަމައެއާއެކު، އޯގާތެރިކަމާއި އަޅާލުމަކީ ހަމައެކަނި އަންހެން މީހާގެ ޒިންމާއެއް ނޫންކަމަށާއި ގޭގައި އުޅޭ ކޮންމެ މީހެއްގެވެސް ދައުރެއް އެކަމުގައި އޮންނަންވާނެކަން ގަބޫލުކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ. ހަމައެހެންމެ ގޭގައި އަންހެނުން އަދާކުރާ ދައުރު ފިރެހެނުން ބަލައިގަނެ އެކަމުގައި ބައިވެރިވާންޖެހޭނެކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ "ގެވެށިގުޅުން" ކެމްޕޭނުގެ ސަބަބުން ގިނަބަޔަކު ހޭލުންތެރިވެ ގިނަ ބަޔަކަށް އޭގެ ފައިދާ ލިބިގެންދާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. އަދި މިއެދޭ ހަގީގީ އަދި މާނަހުރި ބަދަލަކަށް ވާސިލުވެވޭނީ ހަރުދަނާ ގެވެށި ގުޅުމެއްގެ ތެރެއިންކަމަށް ވެސް ވިދާޅުވިއެވެ.
މިކެމްޕޭނުގެ ދަށުން ނެރުނު "ސާސްތުރަ" މަޖައްލާއަކީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެގޮތުން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ތެރޭގައި ތައްޔާރުކުރި މަޖައްލާއެކެވެ. މި މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ލިޔެފައިވާ އާޓިކަލްތަކުގެ އިތުރުން ގެވެށި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ގެވެށި ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މަޢުލޫމާތު އެކުލެވޭ އާޓިކަލް ހިމަނާފައިވެއެވެ. މީގެ އިތުރުން، ގެވެށި އަނިޔާއާ ގުޅުންހުރި މުހިންމު ބައެއް ސުވާލާއި އަދި އޭގެ ޖަވާބު، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު މި މަޖައްލާގައި ހިމެނެއެވެ.