އޯގަނައިޒޭޝަން ފޯރ އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓް (އޯއޭސީޕީއެސް)ގައި ރާއްޖެ ބައިވެރިވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މަޖިލީހަށް މިއަދު ސިޓީއެއް ފޮނުވައިފިއެވެ. މި ޖަމިއްޔާއަކީ އެފުރިކާއާއި ކެރީބިއަން އަދި ޕެސިފިކް ގައުމުތަކުގެ މައްޗަށް އެކުލެވިގެން ޖަމާއަތެކެވެ.

މި ޖަމިއްޔާގައި ރާއްޖެއިން ބައިވެރިވުމާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތެއް އޮޅުންފިލުވުމަށް އެދިވަޑައިގެން ރައީސް ސާލިހު މިއަދު ފޮނުއްވި ސިޓީ މަޖިލީހުގެ އަމީންއާންމު ވަނީ މަޖިލީހަށް އިއްވައިދެއްވައިފައެވެ.

މި ޖަމާއަތަކީ 1975 ވަނަ އަހަރުގައި ސޮއިކުރި މުއާހަދާއެއް ކަމުގައިވާ ޖޯޝްޓައުން އެގްރީމެންޓުގެ ދަށުން އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެއީ ދެމެހެއްޓެނެވި ތަރައްގީއަށް މަސައްކަތްކުރާ ކަމާއަތެކެވެ. އޭގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކުރިއެރުވުމާއި ދުނިޔޭގެ އިގްތިސާދުގައި މެންބަރު ގައުމުތަކުގެ ހަރަކާތްތައް އިތުރު ކުރަން މި ޖަމާއަތުން މަސައްކަތްކުރެއެވެ.

މި ޖަމިއްޔާގައި ބައިވެރިވުމަށްޓަކައި ކެބިނެޓުގައި ވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ. އެ މަޝްވަރާގައި ނިންމަވާފައިވަނީ އެއީ ކުރަން ފެންނަކަމެއް ކަމަށެވެ. ވަޒީރުންގެ މަޖިލީހުން ނިންމެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައުޔު ހޯއްދެވުމަށް ފޮނުއްވީ ގާނޫނު އަސާސީގައި އެގޮތަށް ބަޔާން ކޮށްފައިވާތީއެވެ. މުއާހަދާތަކުގައި ބައިވެރިވެ އަމަލުކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުން ނިންމާ ގޮތެއްގެ މައްޗަށް ކަމުގައި ގާނޫނުއަސާސީގައި ބުނެފައިވެއެވެ.

މި މައްސަލަ ދިރާސާ ކުރެއްވުމަށް މިހާރުވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

މި ކަމާބެހޭ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ މީގެ ކުރިން ރާއްޖެއިން މިފަދަ ގުޅުތައް އާންމުކޮށް ގާއިމް ކުރަމުން އައިސްފައިވަނީ އޭޝީޔާގެ ގައުމުތަކާ ކަމަށެވެ. އެހެނަސް މިހާރު މިވަނީ އެފްރިކާގެ މިފަދަ ޖަމާއަތްތަކާ ވެސް ގުޅުން އުފެއްދުމުގެ މަސައްކަތް ފެށިފައި ކަމަށެވެ.