ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ފައިސާ ކުވައިތު ފަންޑުން ލޯން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.
ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވަނީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލް ޑިޒައިން ކުރުމަށް މިހާރުވަނީ ބަޔަލާ ހަވާލު ކުރައްވާފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ގދ. އަތޮޅުގެ މައިހޮސްޕިޓަލް ކަމަށްވާ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ވެސް މިހާރުދަނީ ކުރައްވަމުންނެވެ. އެގޮތުން އެމަސައްކަތުގެ 95 ޕަސެންޓު މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެ ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތުގެ 99 ޕަސެންޓް މަސައްކަތް މިހާރުވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން އޯޕީޑީ ޖާގަ ބޮޑު އިމާރާތެއް އެޅުމާއި، ވިއްސާ ކޮޓަރި ހުންނަ އިމާރާތުގައި އިތުރު ދެ ކޮޓަރި އެޅުމާއި، އިމަރޖެންސީ ރޫމް އިމާރާތް ރެނޮވޭޓް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް މަސައްކަތް ކުރަމުންދާ އެމްޓީސީސީން މައުލޫމާތު ދެއްވާފައިވެއެވެ. މީގެ އިތުރުން 4 ޕްރައިވެޓް ރޫމް އިމާރާތް ކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއަކީ 33.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެހޮސްޕިޓަލަށްދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން އެ ހޮސްޕިޓަލަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެހެނަސް މަސައްކަތް އަމަލީ ގޮތުން ފަށައިފައިވަނީ ފައިބޭ އަހަރުއެވެ.