ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ އިންޑިއާ ސިފައިންގެ ބަޔަކު ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަދަކަށް އަރުވާމަންޒަރު ފެންނަ ފޮޓޯ އަކީ މިހިނގާ ފެބްރުއަރީ މަހުގެ 14 ވަނަދުވަހު ކޯސްޓްގާޑް ފްލީޓްގައި ހިމެނޭ "ޝިޕް ކާމިޔާބު" މަރާމާތުކުރުމަށް އިންޑިއާގެ ނޭވީޑޮކްޔާޑުން ފޮނުވި ސިވިލް ޓެކްނީޝަނުންގެ ދެ މީހުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެ ޝިޕް މަރާމާތު ކުރުމަށްފަހު އެ މީހުން ވަނީ ފެބުރުއަރީ 19 ވަނަ ދުވަހު ފުރާފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިގޮތަށް އަންނަޓީމުތައް އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު "ޝިޕް ހުރަވީ" މަރާމާތުކުރުމަށް ވެެސް އިންޑިއާގެ ނޭވީޑޮކްޔާޑުން ސިވިލް ޓެކްނީޝަނުންގެ ދެމީހަކު ރާއްޖެ އައިސް އެކަން ފުރިހަމަކުރުމަށްފަހު ވަނީ ފުރާފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވެފައިވަނީ އެތަނުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް އެހީވެދިނުމަށްޓަކައި އެކުވެރި ދައުލަތްތަކުން ވަރަށް ބޮޑެތި އެހީތައް އަބަދުވެސް ފޯރުކޮށްދެމުން ގެންދަވާ ކަމަށެވެ. އެ ގޮތުން ކޯސްޓްގާޑްގެ ޚިދުމަތުގައި ބޭނުންކުރެވެމުންދާ އުޅަނދުފަހަރު ތަކުގެ ތެރެއިން ބައެއް އުޅަނދުތައް ލިބިފައިވަނީ އިންޑިއާ ސަރުކާރުގެ ދީލަތި އެހީގެދަށުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެއިން އުޅަނދެއް މަރާމާތު ކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަން ކޮށްދެއްވަމުން ގެންދަވަނީ އެމްއެންޑީއެފުން ކަނޑައަޅާ ޕްލޭނެއްގެ ދަށުން އެގައުމަކުން ފޮނުވާޓެކްނީޝަނުންގެ ޓީމެއް ބޭނުންވާ ޓޫލްސްއާއެކު ދިވެހިރާއްޖެއަށް އައިސްކަމުގައި ވިދާޅުވެފައިވެއެވެ. އެފަރާތްތައް ރާއްޖެއައުމުގެ ކުރިން އެކަމަށް އަންނަމީހުންގެ މަޢުލޫމާތާއި ގެނެވޭ ތަކެތީގެ މަޢުލޫމާތު މިނިސްޓްރީ އޮފް ޑިފެންސް އަށް ފޮނުވާ ހުއްދަލިބިގެން މެނުވީ ދަތުރު ކުރަމުން ނުދާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.