ރާއްޖޭގައި ހިންގާ ސަރުކާރުގެ އެންމެބޮޑު ހޮސްޕިޓަލް ކަމަށްވާ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) ގައި މަސައްކަތް ކުރާ ނަރުހުންނަށް ޔުނީފޯމް ނުލިބޭތާ ދެ އަހަރު ވެފައިވާ ކަމަށް ބައެއް ނަރުހުން ބުނެފިއެވެ.

ނަރުހުންނަށް އެންމެ ފަހުން ޔުނީފޯމް ދީފައިވަނީ 2020 ވަނަ އަހަރު ޖުލައި މަސްތެރޭގައެވެ.

ޔުނީފޯމް ނުދެވިވާ މައްސަލައާ ބެހޭ ގޮތުން އައިޖީއެމްއެޗުން ވިދާޅުވީ މުޅިދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތާ ހެދި 2021 ވަނަ އަހަރު ނަރުހުންނަށް ޔުނީފޯމް ދެވިފައި ނުވާކަމަށެވެ. އެ އެ މީހުންނަށް ޔުނީފޯމް ނުދެވުނަސް ކުލިނިކަލް ކަންކަމުގައި އުޅުއްވާ މުވައްޒަފުންނަށް ހޮސްޕިޓަލުން ގައުން ފޯރުކޮށްދީފައިވާނޭ ކަމަށް އައިޖީއެމްއެޗުން ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުން ވިދާޅުވީ 2021 ވަނަ އަހަރު ނަރުހުންނަށް ބޭނުންވާ ޔުނީފޯމް ނުދެވުނަސް މިހިނގާ 2022 ވަނަ އަހަރު ޔުނިފޯމް ދިނުމުގެ ކަންތައްތައް ކުރަމުންދާ ކަމަށެވެ. އެހެނަސް ޔުނީފޯމްދޭނީ މި އަހަރުގެ ކިހާހިސާބެއްގައި ކަމެއް ވިދާޅެއް ނުވެއެވެ.

ނަރުހަކަށް އަހަރަކު ދެނީ 4 ޔުނީފޯމެވެ. އެ ޔުނީފޯމް ދެނީ އެއްފަހަރާއެވެ.